ވިޔަފާރި

މިދިޔަމަހު މީރާ އަށް 1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ


މިދިޔަމަހު މީރާ މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއާއެކު މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ އަދަދުވަނީ 10.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، %6 އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ލިބުނު އާމްދަނީއަށް ވުރެ %0.4 ދަށް އަދަދެކެވެ. އަދި މިއީ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ %2.5 ދަށް އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓުމަހު ލިބުނު އާމްދަނީގެ އަދަދު ދަށަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު މީރާއަށް ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާ އެއަހަރުގެ އޮގަސްޓުމަހަށް ފަސްކުރުމާއި ގުޅިގެން ކަމަށެވެ.

މިދިޔަ މަހު ލިބުނު 1 ބިލިއަން ރުފިޔާގެ ތެރެއިން 39.7 މިލިއަން ރުފިޔާ ލިބިފައިވަނީ ޑޮލަރުންނެވެ.

އޮގަސްޓުމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ %46އެވެ. ޖީއެސްޓީގެ ގޮތުގައި 469.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ލިބުނީ ރަށްތަކާއި ފަޅުތައް ދޫކުރުމުން ލޭންޑް އިކިއުޒިޝަން ފީގެ ގޮތުގައި ނެގުނު ފައިސާއެވެ.