ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ހަންގްޒޫ ސިޓީއަށް ފަށައިފިއެވެ.
ހަންގްޒޫ ސިޓީއަށް މޯލްޑިވިއަނުން ފެށި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ވަނީ ދަތުރު ނިންމާލުމަށްފަހު މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައެވެ.
ހަންގްޒޫ ސިޓީއަށް މޯލްޑިވިއަނުން ފެށި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ނިންމާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ އިސްވެރިންނާއި މުއައްޒަފުން ވަނީ މޯލްޑިވިއަންގެ ފްލައިޓުން އައި ދަތުރުވެރިންނަށް މަރުހަބާކިޔާފައެވެ. ހަންގްޒޫއިން އައި މި ފްލައިޓުން ދުއިއްސައްތަ ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ.
ޗައިނާގެ ހަންގްޒޫ ސިޓީއަކީ އެޤައުމުގެ އެންމެ މުއްސަނދި އެއް ސިޓީއެވެ. މޯލްޑިވިއަންގެ ދަތުރުތައް ޗައިނާގެ ހަންގްޒޫ ސިޓީއަށް ފެށުމާއި ގުޅިގެން ޕީއެސްއެމްނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަބުދުލް ހާރިސް ވިދާޅުވީ، ހަންގްޒޫ ފަދަ ސިޓީއަކަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށިގެންދިއުމަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމެއްކަމަށެވެ. މިއާއެކު ރިސޯޓްތަކުގެ އޮކިއުޕެންސީ އިތުރުވެ، ވިޔަފާރިތަކަށް ލިބޭ ނަފާ އިތުރުވެގެންދާނެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ދާއިރާއަށްވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް މިކަމުގެ ސަބަބުން ލިބިގެންދާނޭ ކުރިއެރުން ހާރިސް ފާހަގަކުރެއްވިއެވެ.
ހަންގްޒޫ ސިޓީއަށް މޯލްޑިވިއަނުން ފެށި މި ދަތުރުތަކާއި ބެހޭގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ ކޯޕަރޭޓް އެފެއަރޒް މުޙައްމަދު ނިޔާޒު ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް އިތުރު މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.
މޯލްޑިވިއަނުގެ ދަތުރުތައް ޗައިނާގެ ހަންގްޒޫ ސިޓީއަށް ފެށުމާއި ގުޅިގެން މި ދަތުރުތަކުގެ ޗައިނާގެ އޭޖެންޓް ޗެން ލިއޯ ވިދާޅުވީ، ޗައިނާއިން ދިވެހިރާއްޖެއަށް ފަތުރުވެރިން އައުމުގައި ބޮޑު ޑިމާންޑެއް އޮންނަކަމަށެވެ. ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ދެޤައުމުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި ލިއޯ ވިދާޅުވީ، ކުރިއަށްއޮތްތަނުގައި ޗައިނާގެ އިތުރު މަންޒިލްތަކުން ރާއްޖެއަށް އުދުހުންތައް ފަށާނޭކަމަށެވެ.
މޯލްޑިވިއަނުން ހަންޒޫއަށް އުދުހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއްފަހަރުއެވެ. ހަންގްޒޫ ސިޓީގެ އިތުރުން މޯލްޑިވިއަނުން އަންނަނީ ޗައިނާގެ ހަ ސިޓީއަކަށް އުދުހުންތައް ބާއްވަމުންނެވެ. ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ޗައިނާއިން ދިވެހިރާއްޖެއަށް އެއްސަތޭކަ ހަތްދިހަ ފަސްހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.