ޓުއަރިޒަމް

ރައިޓަރސް ކޮންފަރެންސުން ޓުއަރިޒަމް އިޝްތިހާރުވެގެންދާނެ- ޒަމީރު


ދުނިޔޭގެ މަޝްހޫރު ނަންހިނގާ ޓްރެވަލް ލިޔުންތެރިންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި ކޮންފަރެންސެއް ބޭއްވުމަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިޝްތިހާރުކުރުމަށް އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް ޓީވީން އިންތިޒާމްކޮށްގެން މިއަދު ބަނޑޮސް މޯލްޑިވްސް ގައި ފެށި ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ފައްޓަވައި ދެއްވުމަށްފަހު ވާހަކަދައްކަވަމުންނެވެ. މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކަށީގެންވާ ރަނގަޅު ގޮތްތައް ބޭނުންކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ ޓްރެވަލް ލިޔުންތެރިންނާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެންމެ ރަނގަޅު ވަގުތުކަމަށެވެ. މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ޓްރެވަލް ލިއުންތެރިންގެ ފަރާތުން ދިވެހިރާއްޖެއާބެހޭ ރަނގަޅު މައުލޫމާތުތައް މުޅި ދުނިޔެއަށް ހާމަވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތާމެދު ކުރެވޭ އިތުބާރު ބޮޑުވެގެންދާނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/15056702972004.jpg|ބަނޑޮސް މޯލްޑިވްސް ގައި ފެށި ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގައި ދުނިޔޭގެ 10 ޤައުމަކުން ޓްރެވަލް ލިއުންތެރިން ބައިވެރިވެއެވެ. ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރ މާކެޓިންގ އެންޑް އީކޮމާސް އިބްރާހީމް ނަސްރީން ވިދާޅުވީ، މިކޮންފަރެސްގައި ބޭރުގެ ލިޔުންތެރިނާއެކު ރާއްޖޭގެ ޓްރެވަލް ލިއުންތެރިން ބައިވެރިވުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއްކަމަށެވެ.

img:http://s3.psmnews.mv/images/660x400/15056705518937.jpg|ބަނޑޮސް މޯލްޑިވްސް ގައި ފެށި ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ވޯލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން ނަވާރަ ޓްރެވަލް ލިއުންތެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާއި، ބްލޮގްލަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ މީހުން ހިމެނެއެވެ. ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގައި އެކިއެކި މައުޞޫއުކަށް ޕެނަލްޑިސްކަޝަންތައް ކުރިއަށްދާނެއެވެ. ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.