ޚަބަރު

އާސަންދަ - ރާއްޖެއިން ބޭރަށް 3776 މީހުން ފޮނުވާފައިވޭ


ދިވެހި ރައްޔިތުންނަށް ބޭސްފަރުވާ ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރަފް ކުރި ހުސްނުވާ އާސަންދައިގެ ދަށުން، ތަފާތު އެކި ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި މިއަހަރުގެ މިހާތަނަށް 3776 ބަލިމީހުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށް އާސަންދައިން ބުނެފިއެވެ.

މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ބަލިމީހުން ރައްޖެއިން ބޭރަށް ފަރުވާ ހޯދަން ދިޔަ ބަލިތަކަށް ބަލާއިރު ކެންސަރުބައްޔާ، ލޮލުގެބަލިކާއި،ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ނާރުތަކުގެ ބަލިތަކާއި، ހަޖަމަކުރުމާއި ގޮހޮރުގެ ބަލީގެ އިތުރުން ކަށީގެ ބައެއް ބަލިތަކާއި ކިޑްނީ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތައް ހިމެނެއެވެ. 

މިބަލިތަކުގެ ތެރެއިން ރާއްޖެއިން ބޭރުން އާސަންދަ ސްކީމުގެ ދަށުން 1101 މީހުން ކެންސަރަށް ފަރުވާ ހޯދާފައިވާއިރު، ލޮލުގެ ބަލިތަކަށް 363 މީހުން، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް 307 މީހުން، ނާރުގެ ބަލިތަކަށް 227 މީހުން، ހަޖަމްކުރުމާއި ގޮހޮރުގެ ބަލިތަކަށް 212 މީހުން، ކަށީގެ ބަލިތަކަށް 202 މީހުން، ކިޑްނީގެ ބަލިތަކަށް 198 މީހުން، ހިތުގެ ބަލިތަކަށް 184 މީހުން، ކުޑަކުދިންގެ އެކި ބަލިތަކަށް 180 މީހުން، ކަރުންމަތީގެ ބަލިތަކަށް 104 މީހުން ފަރުވާ ހޯދަފައިވެއެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފޮނުވުނު ބަލި މީހުންގެ ތެރޭއިން 3304 މީހުންނަށް އިންޑިޔާގެ ހޮސްޕިޓަލު ތަކުން ފަރުވާ ހޯދާފައިވާއިރު، 472 މީހަކަށް ސްރީލަންކާގެ ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.

ހުސްނުވާ އާސަންދައިގެ ދަށުން ބޮޑު ޙަރަދެއް ކުރެވެމުން އަންނަ އެއް ދާއިރާ ކަމަށްވާ އިމަޖެންސީގައި ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ދިނުމުގެ ގޮތުން އެންމެ އަވަހަށް ޙިދުމަތް ލިބެން ހުރި މަރުކަޒަކަށް ބަލިމީހާ އުފުލުމަށް މިއަހަރުގެ މިހާތަނަށް 2233  ދަތުރު ކޮށްފައިވެއެވެ.

ކަނޑުމަގުން 1403 ބަލިމީހުން އުފުލާފައިވާއިރު، ވައިގެ މަގުން 830 މީހުން އުފުލާފައިވެއެވެ. ވައިގެމަގުން އުފުލި މީހުންގެ ތެރެއިން މޯލްޑިވިޔަންގެ ފްލައިޓް ޗާޓަރު ކޮއްގެން 17 ބަލިމީހަކު އުފުލާފައިވާއިރު، ހެލިކޮޕްޓަރ މެދުވެރިކޮށް 6 ބަލިމީހުން އުފުލާފައިވެއެވެ.

އާސަންދަގެ ޚިދުމަތުގެ ދަށުން ރާއްޖޭން ބޭރުން ހޯދާ ބައެއް ޚިދުމަތްތައް ރާއްޖޭގައި ޤާއިމްކޮށް ފައިވާއިރު މިހާރު ނުލިބޭ ބައެއް ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ކެސަރު ބައްޔަށް ފަރުވާ ދެވޭނޭ އިންތިޒާމް ހުޅުމާލޭ ހޮސްޕިޓަލުގައި ޤައިމްކުރަމުންދާއިރު ހިތުގެ ބަލީގެ ފަރުވާ އައިޖީއެމް ހޮސްޕިޓަލުން މިހާރުވެސް ލިބެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑުސިޓީގެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޜަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ނިމުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އިތުރު ޚިދުމަތްތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.