އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ނަމުގައި ވަކި އޮފީހެއް ޤާއިމްކުރި ފުރަތަމަ ފަހަރެވެ. އެސްޓިއޯ ޓްރޭޑް ސެންޓަރގައި ހުންނަ މި އިދާރާ ރަސްމީށް ހުޅުވާޑެއްވީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ ޒިޔާދު ވިދާޅުވީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ އޮފީސް ރަސްމީކޮށް މިއަދު ހުޅުވި ނަމަވެސް އެ އޮފީހުން މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. މިގޮތުން ރައްޔިތުންގެ މެދުގައި ހިޔާލް ތަފާތުވި ބައެއް ކަންކަމުގައި ބައެއް ފަތުވާ ނެރުއްވާފައިވާ ބައެއް އިރުޝާދުތައްވެސް އެ މަޖިލީހުން ދީފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
img:http://s1.psmnews.mv/images/660x400/15059980621275.jpg|އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުވާ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ ރާއްޖެ އިސްލާމްވިތާ އަށްސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރާއްޖޭގެ ފުރަތަމަ ފަހަރަށް އިސްލާމީ ފަތުވާ ދޭ މަޖިލީހެއް އުފެދިގެން ދިއުމަކީ ކުޑަކަމެއް ނޫންކަމަށެވެ. އަދި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށް ރާއްޖޭގެ އެއްވެސް ވެރިޔަކު މިހާތަނަށް ކުރައްވާފައިނުވާ ގިނަ ގުނަ މަސައްކަތްތައް ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާކަންވެސް މުހައްމަދު ރަޝީދު އިބްރާހިމް ފާހަގަކުރެއްވިއެވެ.
އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ނަމުގައި ވަކި އޮފީހެއް އުފައްދައްވާފައި މިވަނީ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުންނެވެ. ކުރިން ހިގަމުން އަދި ފިޤްހު އެކަޑަމީ އުވާލާ އިސްލާމީ ފަތުވާ މަޖިލިސް އުފައްދާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ރައީސްއަކީ އައްޝައިހު މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ނާއިބް ރައީސްއަކީ ޝައިހް އިބްރާހިމް އަހުމަދުއެވެ. އެ މަޖިލީހުގައި ދެން ހިމެނޭ މެމްބަރުންނަކީ ޝައިހް ހަސަން ތައުފީޤާއި ޝައިހް މޫސާ އަންވަރާއި ޝައިހް އިސްހާޤު މުހައްމަދު މޫސާފުޅުއެވެ.
އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ޒިންމާ އަކީ ދީނީ ގޮތުން ހިޔާލްތަފާތުވުން އުފެދޭ ކަންކަމުގައި ގޮތް ނިންމާ އެފަދަ ކަންކަމުގައި އިރުޝާދު ދިނުމެވެ.