ޚަބަރު

އެއަރޕޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީކަންކަން ވަރުގަދަކޮށް ސިފައިން ހަރަކާތްތެރިވާން ފަށާފައިވަނީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ފަހަކަށް އައިސް އެއަރޕޯޓުތަކަށް އަމާޒުވަމުންދާތީ އެކަންކަމަށް ސަމާލުވެ އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ގެނެވުނު ސެކިއުރިޓީގެ ކަންކަން ބައްލަވާލެއްވުމަށްފަހު ޕީ.އެސް.އެމް ނިއުސްއަށްދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކުގެ އެއަރޕޯޓުތަކަށް ޓެރަރިސްޓް ހަމަލާތައް ދެމުންދާ ދުވަސްވަރެއްގައި ރާއްޖެއިންވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމީކަމަށެވެ. މިކަމަށް އެއަރލައިންތަކުންވެސް އެދެމުންދާކަމަށާއި، މިއަދުން ފެށިގެން އެއަރޕޯޓުގައި ހަތިޔާރާއިއެކު ސިފައިން ހަރަކާތްތެރިވާނެކަމަށެވެ.

އެހެން ނަމަވެސް މިކަން މި ކުރަނީ ރާއްޖެއަށް ޓެރަރިޒަމްގެ އިންޒާރެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށާ މިއީ ސަލާމަތީ ގޮތުން އަޅަމުންދާ ޚާއްޞަ ފިޔަވަޅުތަކެއް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އެއަރޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު، މިއަދުން ފެށިގެން އެއަރޕޯޓުން ފުރާ ޕަސިންޖަރުން ފާސްކުރުން ކުރިއަށްވުރެ ހަރުދަނާކުރުމާއި، އީ.އައި.ޑީ ފަދަތަނެތި ދެނެގަތުމަށް ޚާއްސަ މެޝިންތަކެއްވެސް އެއަރޕޯޓްގައި ވަނީ ބަހައްޓާފައެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެއްކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.