ދެކުނު އޭޝިއާގެ ޤައުމުތަކުގެ މޫސުމާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުން، ސައުތު އޭޝިއަން ސީޒަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް މިއަދު ފަށައިފިއެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގެ މޫސުން ލަފާކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ފޯރަމް މިމަހުގެ 25 ވަނަދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށްކުރިއަށްދާނެއެވެ. މިބައްދަލުވުމުގައި ކުރިއަށްއޮތް 5 މަހަށް ދެކުނު އޭޝިއާ ސަރަޙައްދުގެ މޫސުން ލަފާކުރާ ގޮތުގެ ސްޓޭޓްމެންޓެއް ތައްޔާރުކުރުކޮށް އެމާއިބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. ހެޓެލް ޖެންގައި ކުރިއަށްދާ މިފޯރަމް އިފްތިތާޙް ކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ ޢަބްދުﷲ މަޖީދުއެވެ.
މި ފޯރަމްގައި ދެކުނު އޭޝިއާގެ މޫސުމާއި ބެހޭ އޮފީސްތަކާއި މޫސުމާއި ބެހޭ ދާއިރާގެ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ އަދި ސަރަޙައްދީ ފެންވަރުގެ ކްލައިމެޓް ސެންޓަރުތަކުން ބައިވެރިވެއެވެ. އަދި މިބައްދަލުވުން ރާއްޖޭގައި ބާއްވަމުންދަނީ ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެމްއޯ) އާއި ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓިހަޒަރޑް އަރލީ ވަރނިންގ ސިސްޓަމް ފޯރ އޭޝިއާ އެންޑް އެފްރިކާ (ރިމްސް) އާއި ކެނެޑާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކުގައެވެ. މީގެ އިތުރުން ވޯލްޑް ބޭންކުން ބައިވެރިވެ އެހީތެރިވެވޭނެގޮތްތަށް ބަލާފައިވާކަން ފަހަގަކުރެވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. ޒާހިދު ވިދާޅުވީ މި ފޯރަމްގައި ގިދުމުއްދަތަކަށް ތައްޔާރުކުރާ ފޯކާސްޓްތަށް ބޭނުންކޮށްގެން ކަމާގުޅޭ ދާއިރާ ތަކުގެ މަސައްކަތްތަށް ދުރާލާ ރާވާ ބައްޓަންކުރާނެ ގޮތްތަކާމެދު މަޝްވަރާކުރާނެކަމަށެވެ.
2010 ވަނަ އަހަރުންފެށިގެން ދެކުނު އޭޝިއާގެ އެކި ޤައުމުތަކުގައި ބާއްވަމުން އަންނަ މިބައްދަލުވުމަކީ މިގޮތަށް ބާއްވާ 11 ވަނަ ބައްދަލުވުމެވެ. ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމްގައި ތައްޔާރުކުރާ އޮފިޝަލް ކޮންސެންސަސް ފޯރކާސްޓް 27 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.