ރާއްޖޭގައި އޭވިއޭޝަންގެ ދައިރާއިން ރެކްރިއޭޝަނަލް ހަރަކާތްތައް ހިންގުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އަމިއްލަ ޖަމްޢިއްޔާއަކަށް ދީފިއެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހުއްދަ ދީފައިވަނީ އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް (އޭ.އެސް.އެސް.އެމް) އަށެވެ. މި ހުއްދަ ދިން ކަމުގެ ސެޓްފިކެޓް އެ ޖަމްޢިއްޔާގެ ރައީސާއި ހަވާލުކޮށްދެއްވީ، ސިވިލް އޭވިއޭޝަންގެ ފަރާތުން މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ.
އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސް އަށް މިއަދު ހުއްދަ ދީފައިވަނީ ރެކްރިއޭޝަނަލް ހަރަކާތެއްކަމަށްވާ ޕެރެގްލައިޑިންގގެ ހަރަކާތް ދެއަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށެވެ. މި ހުއްދަ އޭ.އެސް.އެސް.އެމްއަށް ދީފައިވަނީ މުއްދަތު އިތުރު ކުރެވޭ ގޮތަށް ކަމަށް ސިވިލް އޭވިއޭޝަނުން ބުނެއެވެ.
ހުއްދަ ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އޭވިއޭޝަންގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ޕައިލެޓް ޓްރެއިނިންގ އިތުރުކުރުމަށް އައިލޭންޑް އޭވިއޭޝަނާއި މަޝްވަރާ ކުރަމުންދާކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ބައެއް ޤަވާޢިދުތަކުގެ ދަށުން ބައެއް ޚާއްޞަ ޙަފުލާތަކާއި ދުވަސްތަކުގައި އޭވިއޭޝަން ދާއިރާގެ އާއްމު ރިކްރިއޭޝަނަލް ބައެއް ޙަރަކާތްތައް ބޭއްވުމުގެ ވަގުތީ ހުއްދަދިން ނަމަވެސް މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރަސްމީކޮށް ޖަމްޢިއްޔާއަކަށް ހުއްދަދިން މީ ފުރަތަމަ ފަހަރެވެ.
އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްއަކީ އޭވިއޭޝަންގެ ދާއިރާއިން ރެކްރިއޭޝަނަލް ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.
މި ފަހަރު ހުއްދަދެއްވީ އޭވިއޭޝަން ދާއިރާއިން ތަފާތު ޙަރަކާތްތައް ތަޢާރަފުކޮށް ހިންގުމަށް ބާރުއެޅުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސިވިލް އޭވިއޭޝަނުން އެކަން ބަލާ އެކަމަށް ތައްޔާރުވުމަށްފަހުގައެވެ. ކަނޑުގެ ސަރަޙައްދު ބޮޑު، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކާ ގުޅޭ މި ރެކްރިއޭޝަނަލް ޙަރަކާތުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށާއި މިއީ ޒުވާނުން ވަރަށްޝައުޤުވެރިވާނެ ކުޅިވަރަކަށްވުމުން އިތުރު ވަޒީފާތަކާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްވެގެން ދާނެކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަންނުން ބުނެއެވެ.