ތިމާވެށި

1000 ގިނަފަތުރުވެރިން ބ.ބަޔޮސްފިއަރ ރިޒަރވަށް ޒިޔާރަތްކޮށްފި


މިއަހަރުގެ މިހާތަނަށް އެއްހާހަށްވުރެ ގިނަ ފަތުރުވެރިން ބ.އަތޮޅު ބަޔޮސްފިއަރ ރިޒަރވަށް ޒިޔާރަތްކޮށްފައިވާކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެފިއެވެ. ބ.އަތޮޅަކީ ރާއްޖޭގައި ޔުނެސްކޯއިން ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ހަމައެކަނި ސަރަޙައްދެވެ. 

2011 ވަނަ އަހަރު ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ބ.އަތޮޅު ހަނިފަރު ސަރަޙައްދަކީ އެންމަޑިއާއި ފެހުރިހި ވަކި މޫސުމަކަށް އަރާތަނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސަރަޙައްދެކެވެ. ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން މެނޭޖްމެންޓް ޕްލޭނެއް ހެދިގެން މިވަގުތު ބެލެހެއްޓެމުންދާ ހަމައެކަނި ސަރަޙައްދަކީ ހަނިފަރު ސަރަޙައްދު ނުވަތަ ހަނިފަރު ބޭއެވެ. މިތަން ބެލެހެއްޓުމަށްޓަކައި ހެދިފައިވާ ގަވާޢިދުތަކުގައި މިސަރަޙައްދުގައި ކުރުން މަނާ ކަންތައްތަކާއި މިސަރަޙައްދުގައި އުޅޭ އިރު ޢަމަލުކުރަންޖެހޭނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. 

ހަނިފަރު ސަރަޙައްދަށް ދިއުމަށް ވަކި ޚާއްސަ ހުއްދައެއް ހޯދަންޖެހޭއިރު މި ސަރައްޙައްދު ބަލާލަން ދެވޭނީ އީޕީއޭއިން ހުއްދަލިބިފައިވާ ޓުއަރ ގައިޑުންނާއެކުގައެވެ. 

ބަޔޮސްފިއަރ ރިޒަރވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ ހަނިފަރު ސަރަޙައްދު ބެލެހެއްޓުމަކީ އުނދަގޫ މަސައްކަތެއްކަމަށާ، އޮފީސް ޤާއިމްކޮށްފައިވާ އޭދަފުށްޓާއި ދުރުގައި އޮންނަ މި ސަރަޙާއްދުގައި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިންގާތޯ ބެލުމަށް މޫސުމަށް ބެލުމެއްނެތި އެސަރަޙައްދަށް ދާންޖެހޭކަމަށެވެ. 

ހަނިފަރަށް ޒިޔާރަތްކުރާ ފަރާތްތަކާއެކު ޙަރަކާތްތެރިވުމަށް ބަޔޮސްފިއަރ ރިޒަރވްގައި މަސައްކަތްކުރަނީ އީޕީއޭގެ ހުއްދަ ލިބިފައިވާ 2 ރޭންޖަރުންނެވެ. 2012 ވަނަ އަހަރު ރަސްމީކޮށް ބަލަހައްޓަން ފެށި ބަޔޮސްފިއަރ ރިޒާވްއަށް 2016 ވަނަ އަހަރުންފެށިގެން ދިވެހިންގެ ތަރުހީބު ލިބޭ މިންވަރު އަންނަނީ އިތުރުވަމުންކަމަށް ބަޔޮސްފިއަރ އޮފީހުން މަޢުލޫމާތުދެއެވެ.