ޚަބަރު

ކާރިސާގެ ކަންކަން ބެލެހެއްޓުމަށް ޤައުމީ ޕްލޭނެއް އެކުލަވާލަނީ


ތަރައްޤީގެ މަޝްރޫއުތަކުގައި ކާރިސީ ހިރާސް ކުޑަކުރުމުގެ އަސާސްތައް ހިމަނައިގެން، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ފަސް އަހަރު ދުވަހުގެ ޤައުމީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ، ދުވަހާއި ގުޅިގެން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ދެއްވި ޚިތާބުގައި ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެގޮތުން މި ސަރުކާރުން  ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ތަންފީޒުކުރުމަށްޓަކައި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ މައިގަނޑު ބައިތައް ހިމެނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކޮށް، ވިލުންވެރި މުޖުތަމަޢެއް ބިނާކުރެވޭނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފަރުދީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައި ޚާއްޞަ މަސައްކަތްތަކެއް ކޮށްގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަރައްޤީގެ މަޝްރޫއުތަކުގައި ކާރިސީ ހިރާސް ކުޑަކުރުމުގެ އަސާސްތައް ހިމަނައިގެން، ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ 5 އަހަރު ދުވަހުގެ ޤައުމީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުން. ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންކުރާނެ އާލާތާއި އުޅަނދުފަހަރު ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާރު ވަނީ ހޯދައިފައި. މިތަކެތި ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމުކުރެވިފައިވާ ސިފައިންގެ މަރުކަޒުތަކަށް ވަރަށް އަވަހަށް ފޮނުވޭނެ. އެ ވަސީލަތްތަކުގެ ސަބަބުން ކާރިސާތަކަށް އިޖާބަ ދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ހަލުއިވެ، އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދެވޭނެ" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ދެއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ، އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކަށް އަތޮޅު ފެންވަރުގައި އިޖާބަދިނުމުގެ ޤާބިލުކަން އުފެއްދުމަށްޓަކައި ހިންގުމަށް ރާވަމުންދާ މަޝްރޫޢުގެ ތެރެއިން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ޔުނިސެފާއި ފ. ނިލަންދޫ ރަށު ކައުންސިލާއި ފ.އަތޮޅު ކައުންސިލު ގުޅިގެން ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މަރުކަޒު ފ. ނިލަންދޫގައި މިހާރުވެސް ހަދަމުންދާކަމަށެވެ. އަދި މިފަދަ ކާރިސާތަކުން ގޯތިގެދޮރަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޝުއަރެންސް ސްކީމެއް ތަޢާރަފުކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ނިޒާމެއް މި ސަރުކާރުން ޤާއިމުކޮށްފައިވާކަން މިނިސްޓަރ އާދަމް ޝަރީފު އުމަރުގެ ޚިތާބުގައި ފާހަގަކުރައްވަފައިވެއެވެ. ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ ގޯތިގެދޮރުގެ ހިމާޔަތާއި ރައްކާތެރިކަން އިތުރުކޮށް ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅުތައް ދުރާލައި އެޅުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މޫސުމީ އަދި އަލިފާނުގެ ހާދިސާތައްވެސް މިވޭތުވެދިޔަ އަހަރުވެސް ރާއްޖެއަށް ކުރިމަތިވި. މިގޮތުން މިއަހަރުގެ މޭ މަހު ފަހުކޮޅު ރާއްޖެއަށް ވިއްސާރަވެ، ވައި ގަދަވުމުގެ ސަބަބުން 3 ރަށެއްގެ 43 ގޭގެ ފުރާޅަށް އެކިވަރުގެ ގެއްލުން ލިބުނު. މިހާދިސާތަކުގައި ސަރުކާރުން ވާނީ ރައްޔިތުންގެ ހާލުއަހުވާލު ވަރަށް ގާތުން ބަލައި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީފައި. ކުރިމަގުގައިވެސް ކާރިސާތަކުގައި ހާލުގައިޖެހޭ ފަރުދުންނަށް ހޭހަންކޮށްދީ، ފުރިހަމަ އަޅާލުމާއި އޯގާތެރިކަން ރައީސް ޔާމީންގެ ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ދެއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.

މީގެ 25 އަހަރު ކުރިން ބައިނަލްއަޤްވާމީގޮތުން ފާހަގަ ކުރަންފެށި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާގުޅޭ މިއަހަރުގެ ޝިޢާރަކީ "ހޯމް ސޭފް ހޯމް"އެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އައު އެޖެންޑާތަކެއް ވަނީ އެކުލަވައިލާފައެވެ. މީގެތެރޭގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، ފްރޭމްވާރކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންއާއި ޕެރިސް އެގްރީމަންޓްވެސް ހިމެނެއެވެ. ޕެރިސް އެގްރީމެންޓް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތައް ބައިނަލްއަޤްވާމީ މައިދާނުގައި ސަރުކާރުން ކުރަމުންދާކަމަށް ކަމާއި ގުޅޭ އިދާރާތަކުން ބުނެއެވެ.