ތަޢުލީމު

ވޯޓާ ސްޕޯޓްސް ތަމްރީނު 14 ދަރިވަރަކު ފުރިހަމަކޮށްފި


ދަސްވާރު ޕްރޮގްރާމްގެ ދަރިވަރުންނަށް ކުރިއަށްގެންދާ ވޯޓަރ ސްޕޯޓްސް ތަމްރީނުތަކުގެ 4 ވަނަ ބުރު ނިންމާލައިފިއެވެ.

މި ބުރުގައި ބައިވެރިވި 14 ދަރިވަރަކު މިއަދު ތަމްރީން ފުރިހަމަކުރުމަށްފަހު މާލެ އައިސްފައެވެ. މި ބުރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ސަން އައިލެންޑް ރިސޯރޓްގައެވެ.

2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް ދިހައެއްގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ. މިއީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދާ ގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެކެވެ.

ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ބައެއް ދަރިވަރުން މޫދު ކުޅިވަރު ނުވަތަ ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން މަސައްކަތް ދަސްކުރަން ޝައުޤުވެރިކަން ފާޅުކުރުމުން އެޑިއުކޭޝަން މިނިސްޓާރީން ވަނީ އެފުރުސަތު ދަރިވަރުންނަށް ފަހިކޮށްދީފައެވެ. އެގޮތުން ވިލާ ކޮލެޖްއާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފެށި މަސައްކަތުން މިހާތަނަށް 55 ދަރިވަރުން މޫދު ކުޅިވަރު ނުވަތަ ސްޕޯޓްސްގެ ދާއިރާއިން ތަމްރީނުވެފައިވެއެެވެ.

ވޯޓަރ ސްޕޯޓްސް ތަމްރީނު ފުރިހަމަކުރި ދަރިވަރުން ބުނީ، މިއީ އެކުދިން ކުރި ތަފާތު ތަޖުރިބާއެއް ކަމަށާއި މިއީ ކުރިއަށްދާން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށެވެ.

ދަސްވާރު މިޕްރޮގްރާމުން މިވޭތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި 1641 ދަރިވަރުން މިހާތަނަށް ލެވެލް 3 ގެ ސަނަދު ހާޞިލްކޮށްފައިވެއެވެ. މީގެތެރެއިން %83 ދަރިވަރުން މިހާރު ތިބީ ވަޒީފާތަކުގައާއި އިތުރަށް ތަޢުލީމް ހާޞިލްކުރުމުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރު ޓިވެޓް އޮތޯރިޓީއިން އައުޓްޑޯ ރެކްރިއޭޝަންގެ ނަމުގައި ލެވެލް 3 ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތް ވިލާ ކޮލެޖާއެކު ކުރަމުންދާކަމަށެވެ.