މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި، މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން މިފްކޯގެ ބަލަދުވެރި ކުންފުނި އެސްޓީއޯއަށް 46.3 މިލިއަން ރުފިޔާގެ ލޯނެއް ދީފިއެވެ.
މިކަމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން މި ލޯން އެއްްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ޝަހީރެވެ.
ސަރުކާރުން އެސްޓީއޯއަށް ދެއްވި 46.3 މިލިއަން ރުފިޔާގެ މި ލޯނަކީ ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި، މަސްވެރިކަމުގެ މަސައްކަތް ޒަމާނީ ފެންވަރައް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އާލާތްތައް ގަތުމަށްޓަކައި ދެއްވި ލޯނެކެވެ.
މި ލޯނުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށްގެންދާނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި މިފްކޯއިންނެވެ. މިފްކޯއިން ބުނީ މި ލޯން ފައިސާއިން މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ބޭނުންކުރަމުންދާ އިންފްރާސްޓަކްޗަރ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިހާރަށްވުރެ ގިނައިން މަސްވެރިންގެ އަތުން މަސްކިރުވާ ރައްކާކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމާއި، މަހުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މިހާރަށްވުރެ ޚަރަދު ކުޑަކޮށް މިފްކޯގެ މަސައްކަތްކުރުމަށް ބޭނުންވާ އާލާތްތައް ގަތުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގެ ބަލަދުވެރި ކުންފުންޏެއްގެ ގޮތުގައި އެސްޓީއޯ ހަމަޖެއްސުމާއިއެކު މިފްކޯ ހަރުދަނާކުރުމަށާއި މަސްވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް ތަރައްޤީކުރުމަށް އެސްޓީއޯއިން މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.