ޚަބަރު

ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއްް ޤާއިމްކުރަނީ


ރާއްޖޭގެ އޮޑިޓަރުން ރެގިއުލޭޓް ކުރުމަށްޓަކައި ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އޮޑިޓަރ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކައުންޓެންޓުންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ އެކައުންޓެންޓްސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތައްފަހު ޕީ.އެސް.އެމް ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވީ، ރާއްޖޭގައި ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް ނުވަތަ އެކައުންޓެންޓުންގެ ކަންކަން ބަލަހައްޓާނެ އެސޯސިއޭޝަނެއްފަދަ ތަނެއް ނެތުމަކީ އޮތް ގޮންޖެހުމެއް ކަމަށާއި، އެގޮންޖެހުމުން އަރައިގަތުމަށް، ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށަފައިވާކަމަށެވެ. މިޤާނޫ އައުމުން މިހާރު އޮޑިޓަރ ޖެނަރަލްގެ އޮފީހުން ދޫކުރަމުންދާ އޮޑިޓް ލައިސަންސް ދިނުމާއި، އޮޑިޓަރުންގެ ކަންކަން ބަލަހައްޓައި، އެފަރާތްތަކުގެ ފެންވަރު ވަޒަންކުރާނީ އޮޑިޓަރުން ރެގިއުލޭޓްކުރާ ބޮޑީންކަމަށް ޒިޔަތު ވިދާޅުވިއެވެ.

"ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް ޤާއިމުކުރުމަށް އެ ޤާނޫނެއްގެ ސިފައިގައި ޑްރާފްޓްކުރެވި މިހާރު އެޓާނީ ޖެނަރަލަށް މިވަނީ ފޮނުވިފައި. އެހެންވީމަ ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް އައިމަ އެބޮޑީން ހަގީގަތުގައި އޮޑިޓަރުން ރެގިއުލޭޓްކުރާނީ. އޮޑިޓަރުންނަށް ލައިސަންސް ދޭނީ. އޮޑިޓަރުންގެ ޑިސިޕްލިން ބަލައި އެބޭފުޅުންނަށް ބޭނުންވާ ކޮލިޓީ އެޝުއަރެންސާއި، މިހުރިހާ މަސައްކަތެއް ކުރާނީ ބޮޑީން. އޮޑިޓަރ ޖެނަރަލް ކުރައްވާނީ އޮޑިޓް ކުރުމުގެ މަސައްކަތް. ރެގިއުލޭޓް ކުރާނީ މި ބޮޑީން."  އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނަރަލް ވިދާޅުވީ، ޕްރޮފެޝަނަލް އެކައުންޓެންސީ ބޮޑީއެއް ޤާއިމުކުރުމުގެ މަސައްކަތަކީ، އެކައުންޓިންގ އާއި އޮޑިޓިންގ ދާއިރާ، އެއްހަމައެއްގައި ތަރައްޤީކޮށް މިދާއިރާ ކުރިއެރުވުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް. އެކައުންޓިންގ އާއި އޮޑިޓިންގ އަކީ ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ އެއް އިންޑަސްޓްރީ ކަމަށްވާއިރު، ދުއިސައްތައެއްހާ ޗާޓަޑް އެކައުންޓެންޓުން ރާއްޖޭގައި ހަރަކާތްތެރިވަމުންދެއެވެ.