ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އާ އުސޫލު ގެޒެޓްކޮށްފި


ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް އަލަށް އެކުލަވާލި އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މިއީ ރާއްޖެއިން  ޢުމްރާއަށްދާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ޢުމްރާއަށްދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެފަދަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، އެކުލަވާލާފައިވާ އުސޫލެކެވެ.

ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީން އެކުލަވާލި އާ އުސޫލު ގެޒެޓްކޮށް އެއަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދޫކުރެވޭނީ ރަޖިސްޓްރީ ފީއެއްގެ ގޮތުގައި ކޮންމެ މަސްދުވަހަކަށް ދެހާސްރުފިޔާގެ މަގުން އެއްއަހަރުދުވަހަށް ފީ ދައްކާފައިވާ ކުންފުނިތަކަށެވެ. ކުރިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލްގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖަމާޢަތްތަކަށް ލިބޭނީ 3 އަހަރުދުވަހުގެ މުއްދަތަށްކަމަށެވެ. އާއުސޫލުގެ ދަށުން ޖަމާޢަތްތަކަށް ހުއްދަ ދޫކުރާނީ އެއް އަހަރުދުވަހުގެ މުއްދަތަށެވެ.

ކުރީގެ އުސޫލުގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމަށް އެދި ކުރިމަތިލެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަަކަށެވެ. އަދި އެކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިއުމުގެ ޚިދުމަތްދިނުން ހިމަނާފައި އޮންނަންޖެހެއެވެ. އަލަށް އެކުލަވާލި އުސޫލުގައި ބުނާގޮތުން މިކަމަށް އެދި ކުރިމަތިލާ ކުންފުނިތަކަކީ ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ދިނުން ކުންފުނީގެ މަޤުސަދު ތަކުގެތެރޭގައި ހިމަނާފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުންޏެއްކަމުގައި ވާންޖެހޭނެއެވެ. އަދި އެއްވެސް ކަހަލަ ޚިޔާނާތުގެ މައްސަލައެއް ނެތުމާއި އެފަދަ މައްސަލައެއް ޝަރްޢީ ކޯޓެއްގައި ހިނގަމުންދާ މީހެއް ކުންފުނީގެ ބޯޑުގައި ހިމެނިފައި ނުވުންވެސް މި އުސޫލްގައި ހިމެނެއެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅަން ބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދޭއިރު ކުންފުނީގެ މަޢުލޫމާތާއި، ޢުމްރާއަށް މީހުން ގެންދިޔުމުގައި  ކުންފުނިން ޢަމަލު ކުރާނެ ގޮތުގެ މުހިއްމު ނުކުތާތައް އެކުލެވޭ ޕްރޮޕޯސަލެއް ހުށަހަޅަންޖެހެއެވެ.

އާ އުސޫލްގައި ވާގޮތުގެމަތީން ރަޖިސްޓްރީ ފީގެގޮތުގައި ކޮންމެ މަހަކަށް ދެހާސް ރުފިޔާގެ މަގުން އެއް އަހަރު ދުވަހަށްވާ ޖުމުލަ ފައިސާ ދައްކަން ޖެހެއެވެ. މި ފައިސާ ދައްކާނީ، އިވެލުއޭޓްކުރުމަށްފަހު ފައިސާ ދައްކަން މިނިސްޓްރީން އަންގާތާ ރަސްމީ ތިން ދުވަހުގެ ތެރޭގައެވެ.

މި މަހުގެ ދެވަނަ ދުވަހުންފެށިގެން އާއުސޫލަށް ޢަމަލުކުރަން ފަށާފައިވާއިރު، ތިން މަސްދުވަހުގެ ތެރޭގައި ކުރިން ޢުމްރާއަށް މީހުން ގެންދިޔުމަށް ދޫކޮށްފައިވާ ހުއްދަތަށް ބާޠިލުވާނެއެވެ.