ޚަބަރު

ހުކުރު އުފާ ފެސްޓިވަލްގެ ޙަރަކާތްތަކަށް ބަދަލުގެންނަނީ!


ޕަބްލިކް ސަރވިސް މީޑިއާއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ކޮންމެ ހުކުރު ދުވަހު ކުރިއަށް ގެންދާ "ހުކުރު އުފާ" ފެސްޓިވަލްގެ ޙަރަކާތްތަކަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު އުފާއަކީ ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެއްވުމުން ، މި ހަރަކާތުގައި ގިނަ މީހުންނަށް ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން  އެ ސަރަޙައްދަށް ނުގޮސް ގެގައި ތިބެ އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާ ސުވާލުތަކަށްވެސް ޖަވާބު ދިނުމުގެ ފުރުޞަތު ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ އަލަށް ތަޢާރަފް ކުރަން މަސައްކަތް ކުރަމުންދާ ކަމަކީ އެސްއެމްއެސްގެ ޒަރިއްޔާއިން ހުކުރުއުފާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ޢާއްމުންނަށް ލިބިދިނުންކަމަށެވެ. 

"އަޅުގަނޑުމެން މިއަދު އޯޑިއަންސްއަކަށް މި ބަލަނީކީ  ހުކުރު އުފާ ފެސްޓިވަލްއަށް ހާޒިރުވާ ފަސްސަތޭކަހާ މީހުންނެއް ނޫނެވެ. ގޭގައިވެސް އަޅުގަނޑުމެންގެ އޯޑިއަންސް އެބައޮތެވެ. އެ އޯޑިއަންސްއިން އެސްއެމްއެސްގެ ޒަރިއްޔާއިން  ފޮނުވާ ސުވާލުތަކުގެ ޖަވާބު ދިނުމަށް މަސައްކަތް  މިހާރު ކުރަމުންދަމެވެ. ހުކުރު އުފާ ހަރަކާތް ފެށިއިރު އެސްއެމްއެސްގެ ޒަރިއްޔާއިން ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އުނދަގޫވިނިމަވެސް މިހާރު އެ މަރްހަލާއަށް ދިޔުމުގެ މަސައްކަތް ކުރަމުން މިދަނީ" އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވިއެވެ. 

ހުކުރު އުފާ ހަރަކާތަކީ ޕަބްލިކް ސަރވިސް މީޑިއާއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތް ޚާއްސަކޮށްފައިވަނީ އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ.  

ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އިސްލާމީ ފެސްޓިވަލް، ހުކުރު އުފާގެ ތެރެއިން ދީނީ އެކި ކަންކަމާބެހޭ މައުލޫމާތު ހިމެނޭ ފޮތްތައް ލިބެންހުރެއެވެ. މި ފެސްޓިވަލުގެ ތެރެއިން ދީނީ އެކި ކަންކަމާބެހޭ މައުލޫމާތާއި، ދީނީ ގޮތުން އޮޅުން ފިލުވަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.