ވިޔަފާރި

2018ގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް 855.1 މިލިއަން ރުފިޔާ!


އަންނަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް 855.1 މިލިއަން ރުފިޔާ ޖަމާކުރެވޭނެކަމަށް އަންނައަހަރުގެ ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފިއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަކީ ސަރުކާރުންލޯނު ނަގައިގެން ތަރައްޤީގެ ބިޔަ މަޝްރޫއުތަކަށް އިންވެސްޓްކުރަމުން ދާއިރު، ލޯނު އަދާކުރުމުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ޖެހުމުގެ ބަދަލުގައި މިހާރުން ފެށިގެން މި ކަމަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.

2018ވަނަ އަހަރު މި ފަންޑަށް ޖަމާކުރުމަށް ރާވާފައިވަނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ޢާމްދަނީ އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދައުލަތަށް ދައްކާ ޙިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑް އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމުން އިތުރަށް ލިބެމުންދާ އާމްދަނީއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބުނެފައިވަނީ  2018ވަނަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް 855.1 މިލިއަން ރުފިޔާ ޖަމާކުރެވޭނެކަމަށެވެ. 2017ވަނަ އަހަރު ނިމޭއިރު ފަންޑަށް ޖަމާކުރެވޭނެކަމަށް ލަފާކުރެވެނީ 377 މިލިއަން ރުފިޔާއެވެ. 

ދަރަނި އަދާކުރުމަށާއި ދައުލަތުގެ ފިސްކަލް ރިޒާވެއް ޤާއިމްކުރުމަށްޓަކައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ހުސްވި އަހަރުގެ އޮގަސްޓްމަހުއެވެ.

މިގޮތުން 2017ވަނަ އަހަރު މި ފަންޑު އުފައްދާ، މިހާރު އަންނަނީ ފަންޑަށް ފައިސާ ޖަމާކުރަމުންނެވެ. މި ފަންޑު އެކައުންޓް ހަދާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ. މި ފަންޑުގެ ސަބަބުން ޖީލުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމަށް އެހީތެރިވުމުގެ އިތުރަށް، ރާއްޖެއަށް ލޯނާއި ދަރަނި ދޫކުރާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުންނަ ފައިސާ އެކި ފައިނޭންޝިއަލް އިންސްޓްރުމަންޓުތަކުގައި އިންވެސްޓްކޮށް، ފަންޑަށް ފައިދާ ހޯދުމަށްވެސް ވަނީ ރާވާފައެވެ. މިގޮތުން 2018ވަނަ އަހަރުގެ ތެރޭގައި ފަންޑުގައި ހުރި ފައިސާ އިންވެސްޓްކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސޮވްރެން ޑިވެލޮޕްމަންޓަށް މިހާރު ޖަމާކުރަމުންދާ ފައިސާ ޚަރަދުކުރުމަށް މައިގަނޑުގޮތެއްގައި ރާވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ނަގާ ލޯނުތައް އަދާކުރުމަށެވެ. އެހެންކަމުން އެ ލޯންތައް އަދާކުރަން ފަށަން ޖެހުމުން، އެ ބޭނުންވާ މިންވަރަކަށް އިންވެސްޓްމަންޓްތައް ލިކުއިޑޭޓްކޮށް، ލޯން އަދާކުރުމަށް ހޭދަކުރާނެއެވެ.