އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތާއި ސްޓޭޝަނަރީސް ހޯދުމަށް ބޭނުންވާ ފޮތް ލިސްޓާއި ވައުޗަރ ދުކުރާނީ މިއަދުގެ ނިޔަލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މިއަދުގެ ނިޔަލަށް ފޮތް ލިސްޓާއި ވައުޗަރ ދޫކުރިނަމަވެސް އެޑިއުކޭޝަނުން ބުނީ އަލަށް ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް އެ ސްކޫލަކުން ފޮތް ލިސްޓާއި ވައުޗަރ ދޫކުރާނެކަމަށެވެ.
ގްރޭޑް އެކަކާއި އަށެއް އަދި އެގާރަ އަށް އަލަށް ވަންނަ ދަރިވަރުންނަށް ފޮތްލިސްޓާއެކު ވައުޗަރ ދޫކުރާނީ އެދަރިވަރަކު އަލަށް ވަންނަ ސްކޫލަކުން ކަމަށާއި ގްރޭޑް އެގާރަ އަދި ބާރައިގެ ކިޔެވުން ފެށެނީ ދިރާސީ އަހަރުގެ މެދުތެރެއިން ކަމަށްވާތީ އެގްރޭޑް ތަކުގައި ކިޔަވާ ދަރިވަރުންނަށް ސްކޫލްތަކުން ކިޔެވުން ފެށުމަށް އެކަށީގެންވާ މުއްދަތެއް އޮއްވާ ފޮތްލިސްޓާއި ވައުޗަރ ދޫކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ދަރިވަރުންނަށް ދޫކުރާ ތަކެތީގެ ތެރެއިން އަނބުރާ ސްކޫލަށް ރައްދުކުރަންޖެހޭ ތަކެތީގެ ތެރޭގައި މަތީ ޘާނަވީ ގްރޭޑްތަކުގައި އެކިއެކި މާއްދާތަކަށް ދޫކުރެވޭ ޓެކްސްޓް ފޮތްތްތައް ހިމެނެއެވެ. އަދި މިފަދަ އެއްޗެއް ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ ބައެއް ހާލަތްތަކުގައި އެއެއްޗަކަށް އެކަށީގެންވާ ބަދަލު ބެލެނިވެރިޔާ ދޭންޖެހޭނެކަމަށްވެސް އެޑިޔުކޭޝަނުން ބުނެއެވެ.