ވިޔަފާރި

މިއަހަރުގެ މިހާތަނަށް ޓޫރިޒަމުން 2.07 ބިލިއަން ޑޮލަރު ލިބިއްޖެ


މިއަހަރުގެ ފުރަތަމަ ނުވަމަސްދުވަސް ނިމުނުއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި 2.07 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %2.8 އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ނުވަމަސްދުވަހުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި ވަނީ 2.01 ބިލިއަން ޑޮލަރު ލިބިފައެވެ.

ޓޫރިޒަމް ސިނާއަތަށް ލިބުނު ޢާމްދަނީ ހިސާބުކޮށްފައިވަނީ، އެމުއްދަތުގައި ޓޫރިޒަމް ސިނާއަތުގެ ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ޢާމްދަނީ އަސްލަށް ބަލައިގެންނެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ނުވަމަސްދުވަހު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 222 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ.

ސަރުކާރުން ވަނީ، މިއަހަރު ނިމޭއިރު ޓޫރިޒަމް ސިނާއަތަށް ވަންނަ އާމްދަނީގެ އަދަދު 3 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒް ހިފާފައެވެ.

މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަސް ނިމިގެންދިޔައިރު ޓޫރިޒަމް ސިނާއަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މިއަހަރުގެ އޮކްޓޯބަރުމަސް ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އެއް މިލިއަނަށްވުރެ އިތުރުވެފައި.

ޓޫރިޒަމް ސިނާއަތަށް ލިބޭ ޢާމްދަނީ އިތުރުކޮށް، އެސިނާޢަތުގެ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވެނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް މިހާރު ކުރިއަށްދާ ބިޔަ މަޝްރޫޢާއި، އިތުރު ރިސޯޓުތައް މާކެޓަށް ނެރުއްވުމަށް އަމިއްލަ ފަރާތްތަކާއިއެކު ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކެވެ. ޓޫރިޒަމް ސިނާއަތް ފުޅާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އަހަރަކު މަދުވެގެން 11 ރިސޯޓް މާކެޓަށް ނެރުއްވުމަށް ވަނީ އަމާޒް ހިފާފައެވެ. މިގޮތުން މިއަހަރުގެ ތެރޭގައި 20 ރިސޯޓް ހުޅުވާނޭކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް 2018ވަނަ އަހަރު ނިމުމުން، އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ޚިދުމަތްދެވޭނެކަމަށެވެ. މިއާއެކު ފަތުރުވެރިކަމުގެ ސިނާޢަތުން އަހަރެއްގެ މައްޗަށް މިހާރު ލިބެމުން އަންނަ 2 ބިލިއަން ޑޮލަރުގެ ޢާމްދަނީ، 8 ބިލިއަން ޑޮލަރަށް އިތުރުވާނޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.