މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯން މި އަހަރު 566 ކުދިންނަށް ދިނުމަށް ނިންމައިފިއެވެ. ލޯން ލިބޭ ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުން މިރޭ އޮންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރް ވިދާޅުވީ މި އަހަރު ލޯނަށް ހުޅުވާލި އެއްހާސް ފުރުސަތައް ކުރިމަތިލާފައިވަނީ 612 ދަރިވަރުންކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެ ލޯން ލިބެނީ 566 ކުދިންނަށްކަމަށާއި އެކި ކޯސްތަކުގައި ބައިވެރިވުމަށް ކުދިން ހުށައަޅާފައިވާއިރު އެންމެ އަގުބޮޑެތި ކޯސްތަކަށް ކޮންމެ ކުއްޖަކަށް ލޯންގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާކަމަށް ނަޒީރު ވިދާޅުވިއެވެ.
"ޕައިލެޓްކަމަށް ހުށަޅެލީ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއާއި އެކު ހުށައެޅި ކުދިންގެ އިތުރުން 30 އިންސައްތަ ކުދިންނަށް ލޯން ލިބުނުކަމުގެ ލިޔުން ދިނުމަށް ހަމަޖެހިފައިވޭ. އެންމެ އަގުބޮޑެތި ކޯސްތަކަށް މެކްސިމަމް ސީލިންގެ ގޮތުގައި، އިންޓާރނަލީ މަސައްކަތް ކުރުމަށްޓަކައި ކޮންމެ ކުއްޖަކަށް 2.5 މިލިޔަން ރުފިޔާ ކަނޑާއަޅާފައިވާކަމަށް". މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝާން ޑރ. އަބްދުﷲ ނަޒީރް ވިދާޅުވިއެވެ.
ޑރ. އަބްދުﷲ ނަޒީރް ވިދާޅުވީ ލޯން ސްކީމްގެ އެހީގައި މިވަގުތު 5200 ކުދިން ކިޔަވަމުންދާކަމަށާއި މިދިޔަ ތިން އަހަރު ލޯން ސްކީމަށް ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ.
ލޯން ސްކީމްގެ އިތުރުން ހައި އެޗީވާރސް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ސްކޮލަރ ލިބުނު ދަރިވަރުންނަށް އަންނަ މަހު އެކަމުގެ ލިޔުން ހަވާލުކުރާނެކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށް މިއަދު ހަވީރު އިސްކަންދަރު ސްކޫލްގައި ފެއަރ އެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެއަރގެ ތެރެއިން ލޯނަށް ހުށައެޅުމުގެ ފުރުޞަތުތަކާއި މިނޫންވެސް ގިނަ މަޢުލޫމާތުތައް ދޭނެކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.