ޤައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެންޕިއަން ޒަޔާންއާއި ނަބީހާ ހޯދައިފިއެވެ. 
 
މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސެއިން ޒަޔާން ޝަހީދު ޒަކީ ހޯދީ މުހަންމަދު އަޖުފާން ރަޝީދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ފުރަތަމަ ފަހަރަށް ސިންގަލްސް ޗެންޕިއަންކަން ހޯދުމަށްފަހު ޒަޔާން ބުނީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގިނަ އަހަރުތަކެއް ވަންދެން މުބާރާތް ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ކުޅުންތެރިއަކު ބަލިކޮށް މުބާރާތް ކާމިޔާބު ކުރެވުން ކަމަށެވެ.
 
" މުބާރާތަށް ތައްޔާރުވާން ލިބުނީ ގާތްގަނޑަކަށް ހަތަރު މަސް. އަނިޔާއަކަށްފަހު އަނެއްކާވެސް އަލުން ކުޅުމުގެތެރެއަށް މިއައީ. އެންމެ ބޮޑު އުފަލަކަށްވީ ގިނަ ތަށިތަކެއް ހޯދާފަހުރި ކުޅުންތެރިޔަކު ބަލިކުރެވުނީމަ."
 
މުބާރާތުގެ ފައިނަލަށް ޒަޔާން ދަތުރުކުރީ ސެމީފައިނަލުގައި މިދިޔަ އަހަރުގެ ޗެންޕިއަން މުހަންމަދު ޝާރިމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ އައިމިނަތު ނަބީހާ އަބްދުލް ރައްޒާޤެވެ. ނަބީހާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މައިސާ ފަތުހުﷲއާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން ކުރި ހޯދައިގެންނެވެ. ނަބީހާ ސެޓްތައް ގެންދިޔައީ 22-20، 10-21، 21-14 ނެވެ. 
 
ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ކުލަބް ސްޓެޓިކްއެވެ. އަންހެން ދެވަނަ ޑިވިޝަން ކާމިޔާބުކުރީ އައްޑޫ ބެޑްމިންޓަން ކުލަބެވެ. މުބާރާތުގެ އަތޮޅު ލީގު ޗެންޕިއަންކަން ހަތަރުވަނަ ފަހަރަށް ހޯދީ އޭދަފުށި ޓީމެވެ. ޤައުމީ މުބާރާތް ވިދިވިދިގެން ހަވަނަ ފަހަރަށް ކާމިޔާބު ކުރީ އާކެވެ.