ޚަބަރު

ރައީސް، ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި، ދިވެހި ކިޔަވާ ކުދިންނާ ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާފައިވަނީ ބެއިޖިންގގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވި ހަފްލާގެ ތެރެއިންނެވެ.

ރައީސްގެ ދެކަނބަލުންވަނީ ޗައިނާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި، ކިޔަވާކުދިންނާއި ބައްދަލުކޮށް އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. އަދި އެފަރާތްތަކަށް ހުރި ދަތިތަކާއި، އެމީހުންގެ ހާލު ރައީސްގެ ދެކަނބަލުން ވަނީ ބައްލަވާފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުތަކުގެ ތެރެއިން ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް ތަފާތު މަޝްވަރާތައް ކުރިއަށްގެންދުއުމަށްވަނީ ހަމަޖެހިފައެވެ.