ކުޅިވަރު

އެފްއޭކަޕް 12ވަނަ ފަހަރަށް ނިއު އުފުލާލައިފި


ޕެނަލްޓީގައި ޓީސީ ބަލިކޮށް ނިއުރޭޑިއަންޓުން ބާރަވަނަ ފަހަރަށް އެފްއޭކަޕުގެ ތަށި އުފުލާލައިފިއެވެ. 

ފުރަތަމަ ހާފްގައި ޓީސީން ދެ ލަނޑު ޖަހަފަވަނިކޮށް ފަހަތުން އަރާ ނަތީޖާ އެއްވަރުކޮށް މުބާރާތުގެ ތަށި ނިއު އުފުލާލީ ޕެނެލްޓީގައި ހަތަރެއް ދޭކުން ކުރި ހޯދައިގެންނެވެ. 

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހާފްގައި ޓިސީގެ ދެ ގޯލްވެސް ޖަހައިދިނީ ސްޓްވާޓް ކޮނޭލިއަސްއެވެ. ސްޓްވާޓްގެ ދެވަނަ ލަނޑަކީ ނިއުގެ އަކުރަމް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރިފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. 

ދެވަނަ ހާފުގައި ނިއުގެ ފުރަތަމަ ލަނޑު އިބްރާހީމް ފަޒީލް ޖެހިއިރު ދެވަނަ ލަނޑު ޖެހީ އަލީ ފާސިރެވެ. ފާސިރުގެ މި ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ފޯވާޑް އަލީ އަޝްފާގަށް ޓީސީ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއަކުން ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތާއި، އިތުރުވަގުތުގެ ކުޅުން ހަމަވައިރުވެސް ނަތީޖާ އެއްވަރުވުމުން ޖެހި ޕެނަލްޓީތަކުން ނިއު މޮޅުވީ ހަތަރެއް ދޭކުންނެވެ. 

ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި ނިއުގެ ގޯލްގައި ހުރި ތަޖުރިބާކާރު ކީޕަރު އިމްރާން ވަނީ ޓީސީ ސްޓްވާޓް ޖެހި ޕެނެލްޓީ އާއި ސުހައިލްގެ ޕެނެލްޓީ މަތަކޮއްފައެވެ. ނިއުރޭޑިއަންޓަށް ކާމިޔާބު ނުކުރެވުނީ އެޓީމުގެ ހުސެއިން އެލްދޯރް ޖެހި ޕެނެލްޓީއެވެ. ނިއުއަށް ތަށި ޔަގީންކޮއްދިން ޕެނެލްޓީ ގޯލަށް ވައްދާލީ މުހަންމަދު ރަޝީދެވެ. 

މިއީ އެފްއޭކަޕުގެ އެންމެ ކާމިޔާބު ޓީމް ނިއުރޭޑިއަންޓުން މި މުބާރާތު ތަށި އުފުލާލި ބާރަވަނަ ފަހަރެވެ. ނިއުއިން ވަނީ އެފްއޭކަޕްގެ ތަށި ދެ ފަހަރު މިލްކުވެސް ކޮއްފައެވެ. 

މިއީ މުބާރާތުގެ ފައިނަލުން ޓީސީ ބަލި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އެޓީމް ފައިނަލުގައި ބަލިވީ ކުލަބު ވެލެންސިޔާ އަތުންނެވެ.