ޚަބަރު

އޯޒޯން މޮޑެލް މުބާރާތުން ވަނަ ހޯދި ދަރިވަރުން ބެންކޮކަށް


"އޯޒޯން މޮޑެލް ކޮމްޕެޓިޝަން" އިން އެއްވަނަ ހާސިލުކުރި ޤާޒީ ސްކޫލްގެ 2 ދަރިވަރުން މިއަދު ބެންގކޮކަށް ފުރައިފިއެވެ. މިއީ އޯޒޯން ފަށަލަ ހިމާޔަތް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" އަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްކޫލް ކުދިންގެ މެދުގައި ބޭއްވި މޮޑެލް ތައްޔާރުކުރުމުގެ މުބާރާތުން އެއްވަނަ ހާސިލުކުރި ދަރިވަރުނަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއާއި އދގެ ތިމާވެއްޓާއިބެހޭ ޖަމިއްޔާގެ ފަރާތުން ތައިލޭންޑް ގެ ބެންގކޮކް ގައި ހުންނަ އދގެ އޮފީސްތައް ބަލާލުމަށް ކުރާ ދަތުރެކެވެ.

މި ދަތުރުގައި އޯޒޯން އެކްޝަން އޮފީހުގެ އިތުރުން ބެންކޮކްގައި ހުންނަ އދގެ އެހެން އޮފީސްތަކަށްވެސް ޒިޔާރަތްކޮށް އެ އެއޮފީސްތަކުގެ މަސައްކަތްތަކާއިބެހޭ ގޮތުން ދަރިވަރުން މައުލޫމާތު އޮޅުން ފިލުވާނެއެވެ. މިދަތުރާއި ގުޅޭގޮތުން ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޤާޒީ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް އަޙްމަދު ވިދާޅުވީ ""އޯޒޯން މޮޑެލް ކޮމްޕެޓިޝަން" ފަދަ މުބާރާތްތައް ބެއްވުމަކީ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށެވެ. އަދި ސްކޫލްތަކުންވެސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދަރިވަރުންނަށް ކިޔާދިނުމަކީވެސް މުހިއްމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ސްކޫލްގެ ތެރޭގައިވެސް ތިމާވެށި ސަލާމަތްކުރުމުގެ ގޮތުން ގިނަކަންތައްތަކެއް ދަނީ ކުރަމުން. ސްކޫލްގެ ފަރަތުން ދަރިވަރުންނަށް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ދަސްކޮށްދެމުންމިދަނީ" މަރިޔަމް އަޙްމަދު ވިދާޅުވިއެވެ.

މިއަހަރަކީ އޯޒޯން ފަށަލަ ހިމާޔަތް ކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" އަށް 30 އަހަރު ފުރުން ފާހަގަކުރި އަހަރެވެ. މިދުވަހަށް ހާއްސަކޮށް ސްކޫލް ކުދިންގެ މެދުގައި "އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ޖައްވު ހޫނުވުން" މި ތީމްއަށް އަމާޒުކޮށްގެން ބޭއްވި މޮޑެލް ތައްޔާރުކުރުމުގެ މުބާރާތުން އެއްވަނަ ހޯދީ ޤާޒީ ސްކޫލްގެ ދެ ދަރިވަރުންނެވެ. ސެޕްޓެމްބަރ މަހުގެ 16 ވަނަ  ދުވަހު  ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތަށް 26 މޮޑެލް ހުށަހަޅާފައިވާކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

ބެންކޮކްގެ މިދަތުރު ނިންމާލުމަށްފަހު މި ދަރިވަރުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.