ޚަބަރު

ޗައިނާގެ އިންވެސްޓަރުންނަށް މިއީ ރަނގަޅު ވަގުތެއް- ރައީސް


ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރާ މިދަނޑިވަޅަކީ ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރަންވީ އެންމެ ރަނގަޅު ވަގުތުކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު  ބޭއްވި ބިޒްނަސް ލީޑަރުންގެ ބައްދަލުވުގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ދެއްވި ސްޓޭޓްމަންޓްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި ޗައިނާގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ވަނީ ބައިވެރިވެފައެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޗައިނާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ރަނގަޅުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ބިޒްނަސް މީޓިންގައި ބައިވެރިވި ލީޑަރުންގެ އަދަދަށް ބަލާލުމުންވެސް ދެޤައުމުގެ ކުރިއަރަމުން އަންނަ ވިޔަފާރީގެ ގުޅުން ހާމަވެގެންދާކަމަށެވެ. އަދި ދެ ޤައުމުގެ ވިޔަފާރީގެ ދާއިރާ އަހަރުން އަަހަރަށް ކުރިއަރަމުން އަންނަކަމަށާއި، އިންވެސްޓަރުންގެ ޝައުގުވެރިކަންވެސް އިތުރުވަމުން އަންނަކަންފާހަގަކުރެއްވިއެވެ.

ރައީސް ވަނީ، ތަރައްޤީއާއި ވިޔަފާރީގެ ރޮނގުން ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކުގައި ޗައިނާގެ އިޚްލާސްތެރި ބައިވެރިވުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ މެދުގައި މީގެ ކުރިން ބޭއްވުނު ތަފާތު ރަސްމީވާހަކަތަކުގެ އަލީގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރަން ނިންމާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ވިޔަފާރިތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުން ވަނީ ރާއްޖޭގައި އިންވެސްޓުކުރެވިދާނެ ދާއިރާތަކާއި، އިންވެސްޓްކުރުމުގެ މާހައުލު އޮތްގޮތް ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފައެވެ. ބައްދަލުވުމުގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ވިޔަފާރިވެރިންނާއެކު މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު، މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ރައިސް ވަނީ ޗައިނާގެ ވިޔަފާރިވެރިންނާއެކު ކާމިޔާބު ބައްދަލުވުންތަކެއް ބާއްވަވާފައެވެ.