ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައްވާ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތް އަންނަ ރަމަޞާން މަހު ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ. އެ މަރުކަޒުން ބުނީ މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީގެ އިސްނެގުވުމަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތާކީ ރާއްޖޭގެ ޤާރީންނާއި، ޤުރުޢާން ކިޔަވާ މީހުންނަށް ލިބިފައިވާ ހުނަރު އިތުރުކުރުމަށް ބާއްވާ މުބާރާތެެކެވެ. އަދި މިފަދަ މުބާރާތްތަކުން ރާއްޖެއާއި އިސްލާމީ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ރާއްޖޭގައި ބާއްވާ ބައިނަލް އަޤުވާމީ ފުރަތަމަ ޤުރްއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ރޯދަމަހުއެވެ. ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލް އަޤްވާމީ ޤްރުއާން މުބާރާތަކީ ބަލައިގެން ކިޔެވުމުގެ މުބާރާތެއްކަމަށެވެ. މި މުބާރާތުގައި 25 އަހަރުން ދަށުގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ދެކުނު އިރުމަތީ އޭޝިއާ އާއި ދެކުނު އޭޝިއާގެ ޤައުމުތަކާއި އަވައްޓެރި ޤައުމުތަކަށް ދައުވަތު ދޭނެކަމަށް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ. އަދި އެއިން ކޮންމެ ޤައުމަކަށް ދޭނީ އެއް ޖާގަކަމަށާއި ރާއްޖެއިން ގާތްގަނޑަކަށް ދިހަ މީހުން މުބާރާތުގައި ބައިވެރިކުރާނެކަމަށްވެސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
" މުބާރާތް ފެށުމުގެ ކުރިން ބައިނަލް އަޤްވާމީ ޤްރުޢާން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި އިތުރު މުބާރާތެއް ބާއްވާނެ. އެ މުބާރާތުން ހޮވޭ ބަޔަކު ބައިނަލް އަޤްވާމީ މުބާރާތުގައި ބައިވެރި ކުރާނެ. ރާއްޖެއިން ގާތްގަނޑަކަށް ދިހަ ފަރާތަކަށް ފުރުޞަތު ދޭނެކަމަށް" އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ހަމަޖެހިފައިވަނީ ބައިނަލް އަޤްވާމީ ޤުރުޢާން މުބާރާތްތަކުގައި ފަނޑިޔާރުކަން ކުރާ ފަނޑިޔާރުންނާއި ރާއްޖޭގެ ފަނޑިޔާރުން އެކުލެވޭ ޕެނަލެކެވެ. މުބާރާތަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ މަރުކަޒުން ބުނެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނަނީ ރަމަޞާން މަހުގެ 27 ވިލޭރޭކަމަށާއި، މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާކަމަށް ޤުރުޢާނާ ބެހޭ މަރުކަޒުން ބުނެއެވެ. ރާއްޖެއިން އަންނަނީ ބައިނަލް އަޤްވާމީ އެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އަދި ބައިނަލްއަޤްވަމީ އެކި ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް މީގެކުރިން ނުލިބޭ ގިނަ ފުރުސަތުތަކެއް ރާއްޖެއަށް މިހާރު ލިބެއެވެ.