ތިމާވެށި

ޕަޕުއަ ނިއުގިނީގެ އަލިފާން ފަރުބަދައެއް ގޮވައިފި


ޕަޕުއަ ނިއުގިނީގެ އަލިފާން ފަރުބަދައެއް ގޮވާ، 1500 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.

ޕަޕުއަ ނިއުގިނީގެ ދެކުނު އައްސޭރިފަށުގައި އޮންނަ ކަޑޮވަރގައި ހުންނަ އަލިފާން ފަރުބަދައިން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ދިޔައީ ދުން އަރަމުންނެވެ. އަދި މިދިޔަ ހުކުރު ދުވަހު އަލިފާން ފަރުބަދަ ގޮވައި، ގިނަ އަދަދެއްގެ އަޅިއާއި ސަލްފަޑައި އޮކްސައިޑް ވަނީ ބޭރުވެފައެވެ. އޭގެ ކުރިން އެރަށުގައި ތިބި މީހުން ވަނީ ކައިރީގައި އޮތް ބްލަޕް ބްލަޕް ރަށަށް ބަދަލުކޮށްފައެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި އެރަށުންވެސް މީހުން ބޭލުމަށް އެޤައުމުގެ ސަރުކާރުން ނިންމިއެވެ.

އަލިފާން ފަރުބަދަ ހުރި ރަށުގައި އުޅޭ މީހުންނާއި ކައިރި ރަށްރަށުގައި އުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތުގައި އިންޓަނޭޝަނަލް ރެޑް ކޮރްސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

img:http://s3.psmnews.mv/images/660x400/15159361115659.jpg|ޕަޕުއަ ނިއުގިނީއަކީ ގިނަ އަދަދެއްގެ އަލިފާން ފަރުބަދަ ހިމެނޭ ޤައުމެއް

ޙަބަރުތައް ބުނާގޮތުން ފަރުބަދައިން ފޭބި ދިޔާ އަލިފާން ނުވަތަ ލާވާތައް ކަނޑަށް ފެތުރިފައިވާއިރު، ފަރުބަދައިން އަރަމުންދާ ދުންތަކުގެ ބޮޑު ވިލާގަނޑެއް ވަނީ އުފެދިފައެވެ. ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި މީހުންނަށް ރެޑް ކްރޮސްގެ އިތުރުން އޮސްޓްރޭލިއާއިންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ކުރިން ކަޑޮވަރގައި ހުރި އަލިފާން ފަރުބަދަ ގޮވިކަމުގެ އެއްވެސް ރެކޯޑެއް ނެތެވެ. 

ޕަޕުއަ ނިއުގިނީއަކީ ގިނަ އަދަދެއްގެ އަލިފާން ފަރުބަދަ ހިމެނޭ ޤައުމެކެވެ.