ތިމާވެށި

ކޭޕް ޓައުނުން ސާފު ބޯ ފެން ހުސްވަނީ!


ފަތުރުވެރިންގެ މެދުގައި ސައުތު އެފްރިކާގެ ކޭޕް ޓައުން މަޝްހޫރުވެފައިވަނީ ފަރުބަދަތަކުގެ ހިތްގައިމު މަންޒަރާއި ވަށައިގެންވާ ކަނޑުގެ ހިތްޤައިމުކަމުންނެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ސިޓީތަކުގެ ތެރެއިން ސާފު ބޯ ފެން ހުސްވެދާނެ ފުރަތަމަ ސިޓީއަށް ކޭޕް ޓައުން ވުމަކީވެސް މިހާރު ދުރުގައި އޮތް ކަމެއް ނޫނެވެ.

އެންމެފަހުން ހެދި ދިރާސާތަކުން ދައްކާގޮތުން އަންނަ މާޗުމަހުގެ ނިޔަލަށް މުޅި ކޭޕް ޓައުނުން ސާފު ބޯ ފެން ހުސްވެދާނެކަމުގެ ބިރު އެބައޮތެވެ. ފެނަށް ޖެހުމުގެ ބިރުވެރިކަން އެ ސިޓީއަށް ކުރިމަތިވީ، ވާރޭ ނުވެހި ގިނަ ދުވަސްވުމާއެކު އާބާދީ އިތުރުވެ، ފެން ބޭނުންކުރާ މިންވަރު އިތުރުވުމުންނެވެ. 

ކޭޕް ޓައުންގެ ސަރަޙައްދީ ސަރުކާރުން މިކަމަށް ފިޔަވަޅުތަކެއް އެޅުމަށް މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ލޮނު ފެން، ރީތި ފެނަށް ބަދަލުކުރާ ޑީސެލިނޭޝަން ޕްލާންޓްތަކާއި ބިމު އަޑިން ފެން ނެގޭނެ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

img:http://s3.psmnews.mv/images/660x400/15160228546774.jpg|ވާރޭ ނުވެހި ގިނަ ދުވަސްތައްވުމާއެކު ކޭޕް ޓައުނަށްވަނީ ސާފު ބޯ ފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައި

އަނެއްކޮޅުން 4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކޭޕް ޓައުންގެ ރައްޔިތުން ފެން ބޭނުންކުރާއިރު އިސްރާފުނުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. އަދި ކޮންމެ ގެއަކުންވެސް ދުވާކަލަށް 87 ލީޓަރަށްވުރެ ގިނައިން ފެން ބޭނުން ނުކުރުމަށާއި ކާރު ދޮވުމާއި ސްވިމިންގ ޕޫލަށް ފެން އެޅުންވެސް ވަނީ ސަރުކާރުން މަނާކޮށްފައެވެ. ޙަބަރުތައް ބުނާގޮތުން ކްރިކެޓް މެޗެއް ކުޅެން ކޭޕް ޓައުންނަށް ދިޔަ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމު ކުޅުންތެރިންނަށްވެސް ވަނީ 2 މިނެޓަށްވުރެ ގިނަ އިރު ފެންވެރުމުގައި ހޭދަނުކުރުމަށް އަންގާފައެވެ.

ފެން ބޭނުންކުރުން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފަށް ބައެއް ގޭބީސީތަކުން އަމަލުކުރަމުންދާއިރު، އެފަރާތްތައް ބޮޑެތި އަދަދުން ޖޫރިމަނާކުރާނެކަމަށް ކޭޕް ޓައުންގެ ސަރުކާރުން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ގޭބީސީތަކުން ފެން ބޭނުންކުރަންޖެހޭ މިންވަރު އަދިވެސް ދަށް ކުރަންޖެހިދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/15160228286301.jpg|ވާރޭ ނުވެހި ގިނަ ދުވަސްތައްވުމާއެކު ކޭޕް ޓައުނަށްވަނީ ސާފު ބޯ ފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ހާމަކުރާ ގޮތުގައި ސާފު ބޯފެން ލިބުމުގެ ދަތިކަން ދުނިޔޭ އެކި އެކި ކަންކޮޅުތަކުގައި އުޅޭ 850 މިލިއަނަށްވުރެ ގިނަ މީހުން ދަނީ ތަޙައްމަލުކުރަމުންނެވެ. އަނެއް ކޮޅުން ވާރޭ ނުވެހި ގިނަދުވަސްވުމާއި ގުޅިގެން ކުރިމަތިވާ ހަނަފަސްކަންވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ތަރައްޤީވެފައިވާ ޤައުމުތަކުން ފެން އިސްރާފުކުރާ މިންވަރަކީ ހައިރާންވާންޖެހޭ މިންވަރެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން މިފަދަ ޤައުމުތަކުގައި އެކި ކަހަލަ ލީކްވުމުގެ ސަބަބުން އިސްރާފުވާ ފެނުގެ ނިސްބަތް އުޅެނީ 80 އިންސައްތައިގައެވެ. އެމެރިކާގައި ބާވެފައިވާ ޢިމާރާތްތަކުގެ ސަބަބުންވެސް 50 އިންސައްތަ ފެން އިސްރާފުވެއެވެ.

އެހެންކަމުން ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ ފެން މެނޭޖްކުރުމަށް އައު ވަސީލަތްތައް ހޯދަމުންނެވެ. ބައެއް ކުންފުނިތަކުން ފެނުގެ ނެޓްވޯކްތަކުގެ ތެރޭގައި ލީކެއް އުޅޭނަމަ، އެކަން ވީ އެންމެ އަވަހަކަށް އެނގޭނެ ފަދަ ނިޒާމްތައް ދަނީ ޤާއިމްކުރަމުންނެވެ.

img:http://s4.psmnews.mv/images/660x400/15160228418624.jpg|ވާރޭ ނުވެހި ގިނަ ދުވަސްތައްވުމާއެކު ކޭޕް ޓައުނަށްވަނީ ސާފު ބޯ ފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައި

ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެން ފޯރުކޮށްދިނުން މެނޭޖްކުރުމުގެ އިތުރުން، ޓެކްނޮލޮޖީ ބޭނުންކޮށްގެން ސާފު ބޯ ފެން އުފެއްދޭނެ ގޮތްތައްވެސް ދަނީ ހޯދަމުންނެވެ. އެމެރިކާގެ ކުންފުންޏަކުން ދަނީ ވައިގެ ތެރޭގައި ހުންނަ ފެން ރައްކާކުރެވޭނެ ޑިވައިސްއެއް ތަރައްޤީކުރަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެންމެ ބޭނުންތެރި ގޮތުގައި ފެން ބޭނުންކުރުމަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެހީތެރިވެވިދާނެއެވެ. ނަމަވެސް ސާފު ބޯ ފެން ނުލިބޭ ފަގީރު ސަރަޙައްދުތަކަށް މިކަމުން ކުރާނެ އެއްވެސް ބޭނުމެއް ނެތްކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި މިކަމުގައި އޮތް ހައްލަކީ އެންމެނަށްވެސް ފެން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުންކަމަށް ތަޖުރިބާކާރުން ދެކެއެވެ.