ޚަބަރު

ބޮނބިނަރު އުފައްދާ މެޝިންގެ ޚިދުމަތް އިފްތިތާހްކޮށްފި


ހދ. ކުޅުދުއްފުށްޓަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު ހަދިޔާ ކުރެއްވި ބޮނބިނަރު އުފައްދާ މެޝިނުގެ ޚިދުމަތް އިފްތިތާހްކޮށްފިއެވެ.

ބޮނބިނަރު އުފައްދާ މެޝިން ބަހައްޓާފައިވަނީ އެރަށު ބޮޑު މަގުގައި ހުންނަ ހުކުރު މިސްކިތް ކައިރީގައެވެ.

ބޮނބިނަރު އުފައްދާ މެޝިން އިފްތިތާހްކޮށްފައިވާއިރު މި ހަފްތާތެރޭގައި އެ މެޝިނުގެ ޚިދުމަތް ރައްޔިތުންނަށް ދޭން ފަށާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. މި މެޝިނަކީ ދުވާލެއްގެ މައްޗަށް ހަހާސް ބޮބިގަނޑު ނަރަށް ބަދަލުކޮށްލުމުގެ ޤާބުިލުކަން ލިބިފއިވާ މެޝިނެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް އެރށުގެ ކުޅި ސަރަޙައްދު ބޭނުންކުރާތީ އެސަރަހައްދުގައި ބޮނބިފާކޮށްގެން ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ކުޅުއްދުފުށީގެ ރައްޔިތުންނަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. 

އެމަސައްކަތް ކުރުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ކުޅުދުއްފުށީ ކައުންސިލަށް ހަދިޔާ ކުރި ބޮނބިނަރު އުފައްދައިދޭ މެޝިނަކީ ބޮނބި ފާކޮށް އެއިން ބޮނބި ނަރު ހަދާ އެއްޗެކެވެ.

މި މެޝިނުން ޚިދުމަތް ދިނުމަށް ޚަރަދުތަކެއް ދާނެތީ  ވިޔަފާރި އުސޫލުން އަގުނުނެގިޔަސް ކުޑަ ފީއެއް ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް ނަގާނެ ފީގެ މިންވަރެއް ކައުންސިލުން އަދި ކަނޑައެއް ނާޅައެވެ.