ވިލާ ގްރޫޕުން މިހާތަނަށް ދައުލަތައް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ %13.3 އަށް އަރާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "އުއްމީދާ ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތްކަމަށެވެ.
އާޒިމާ ވިދާޅުވީ މިއީ 2007 ވަނަ އަހަރުން ފެށިގެން ދައުލަތުން ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްރަށާއި އެނޫންވެސް ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ފައިސާކަމަށެވެ.
ވަކި މީހަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ، ދައުލަތުން އެކަމާމެދު ފިޔަވަޅު ނާޅައި އޮންނަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވަމުން، މީގެ ކުރިން ދައުލަތުގެ ބަންޑާރަ ނައިބުކަންވެސް ކުރައްވާފައިވާ އާޒިމާ ވަނީ، އެފަދަ މީހަކާމެދު ފިޔަވަޅު ނާޅައި އިތުރުވާހަކައެއް ދައްކަން އޮންނާނެތޯ ސުވާލު ކުރައްވާފައެވެ.
ވިލާގެ ކުންފުނިތަކުން ހިންގަމުންދާ ބައެއް ރިސޯޓްތަކާމެދު ޤާނޫނާ ޚިލާފަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ޓޫރިޒަމް މިނިސްޓްރީއާއި، ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފައިވަނީ، ވިލާ ގްރޫޕްގެ ބައެއް ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުންކަމަށެވެ.
އެގޮތުން ވިލާ ޝިޕިންގ އެންޑް ޓްރޭޑާއި އެކުންފުންޏާއި ގުޅުންހުރި ކުންފުނިތަކުން ހިންގާ ބައެއް ރިސޯޓްތަކުން ޤާނޫނާއި ޤަވާއިދުތަކާ ޚިލާފްވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެއެވެ. އަދި 2017 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ވިލާ ޝިޕިންގ ގެ 4 ރިސޯޓަކުން ގްރީން ޓެކްސް އާއިި ޓީޖީއެސްޓީ ނުދައްކާކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެއެވެ.