ޚަބަރު

ރާއްޖެއިން ބައިނަލްއަޤްވާމީ މާކެޓަށް އިޝޫކުރި ބޮންޑަށް އެވޯޑެއް!


ދަ އެސެޓް މެގަޒިންއިން ހޮވާ ހުސްވި އަހަރު ދެކުނު އޭޝިއާގެ އެންމެ ރަގަޅު ވިޔަފާރީގެ މުޢާމަލާތްތަކުގެތެރޭގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މާކެޓަށް އިޝޫކުރި ބޮންޑު ހޮވިއްޖެއެވެ. 

"ދަ އެސެޓް މެގަޒިން"އިން ދޭ ޝަރަފްވެރި އެވޯޑު، ޓްރިޕަލް އޭ ކަންޓްރީގެ އެވޯޑު ރާއްޖެއަށް ވަނީ ލިބިފައެެވެ. ދަ އެސެޓް ޓްރިޕަލް އޭ އެވޯޑްސްއަކީ އޭޝިއާގެ މާލީ ދާއިރާއަށް އަމާޒުކޮށްގެންދޭ އެވޯޑެކެވެ.    

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މާކެޓަށް ބޮންޑެއް އިޝޫކުރުމަށް 2017 ގެ މެއި މަހުގެ އެއްތިރީސްވަނަ ދުވަހު ހުޅުވާލުމާއެކު މަދު ވަގުތުކޮޅެއްތެރޭގައި ވަނީ ދެގުނައަށް އޯވަ ސަބްސްކްރައިބް ކޮށްފައިއެވެ.

މި ބޮންޑަކީ 200 މިލިއަން އެމެރިކާ ޑޮލަރު 5 އަހަރުގެ މެޗުއަރިޓީ ގެ ބޮންޑެކެވެ. މި ބޮންޑް އިޝޫކުރައްވާ ސިންގަޕޯރ ސްޓޮކް އެކްސްޗޭންޖްގައި ވަނީ ލިސްޓުކޮށްފައެވެ. ރާއްޖެއިން ބޮންޑް ވިއްކުމަށް ހުޅުވާލުމާއެކު، ބައިނަލްއަޤްވާމީ އިންވެސްޓަރުގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނެވެ.

މި ބޮންޑަށް މާކެޓުން ހުށަހަޅާފައިވަނީ %7 ގެ ކޫޕަން ރޭޓެކެވެ. މި ރޭޓަކީ ފުރަތަމަ ފަހަރަށް މާލީ ބާޒާރަށް ނުކުމެފައިވާ ޤައުމުތަކާއި އަދި ދިވެހިރާއްޖެއާއި އެއްމިންވަރެއްގެ ކްރެޑިޓް ރޭޓިންގް ލިބިފައިވާ ޤައުމުތަކައި އަޅާކިޔޭނެ ރޭޓެއްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މިބޮންޑަށް މޫޑީސްއިން ދީފައިވަނީ ބީ ޓޫގެ ރޭޓިންއެކެވެ.