ޚަބަރު

ރައީސްޔާމީނަށް ތާޢީދުކޮށް ނައިފަރުގައި ސައިކަލް ބުރެއް ބާއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަށް އޮތް ތާޢީދު ހާމަކުރުމުގެ ގޮތުން ޅ.ނައިފަރުގެ ޒުވާނުންތަކެއް އިސްނަގައިގެން ޚާއްސަ ސައިކަލް ބުރެއް އެރަށުގައި ބާއްވައިފިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން މި ސައިކަލް ބުރު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލަކު ބުނީ، ނައިފަރުގައި މިއަދު ހަވީރު ބޭއްވި ސައިކަލް ބުރަކީ ރައީސް ޢަބުދުﷲ ޔާމީނު ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެމަނިކުފާނާއިއެކު ޒުވާނުން ތިބިކަން އަންގައިދިނުމުގެ ގޮތުން ބޭއްވި ޙަރަކާތެއްކަމަށެވެ.

މި ހަރަކާތުގައި ގިނަ ޢަދަދެއްގެ ސައިކަލްގައި ޒުވާނުން ނިކުމެ ވަނީ ރައީސް ޔާމިނާ ބެހޭގޮތުން ޒުވާނުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މިގޮތުން ރައީސް ޔާމިނަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޒުވާނުން ކުރިއެރުވުމަށް އެންމެބޮޑަށް މަސައްކަތްކުރައްވަމުންގެންދަވާ ލީޑަރުކަމަށް ސައިކަލް ބުރުގައި ބައިވެރިވި ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމީނު ދިވެހި ޤައުމަށް ގެންނަވާ ތަރައްޤީ ބަލައިގަނެ، މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ނައިފަރުގެ ޒުވާނުން އެއް ރޫޙެއްގައި މަސައްކަތްކުރުމަށް ތައްޔާރަށްއޮތްކަމަށް ޒުވާނުން ޝުއޫރު ފާޅުކޮށްފައިވެއެވެ. ރައީސް ޔާމީނަށް ތާއީދުކޮށް ކުރިއަށްއޮތްތަނުގައިވެސް މިފަދަ އިތުރު އިވެންޓްތައް ބާއްވާނޭކަމަށް ޒުވާނުން ވަނީ ބުނެފައެވެ.