ވިޔަފާރި

ޙިއްޞާގެ ބާޒާރުގެ އަގު 16 ބިލިއަން ރުފިޔާއަށް އަރައިފި


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ އަގު 16 ބިލިއަން ރުފިޔާއަށް މައްޗަށް އަރައިފިއެވެ.  

ރާއްޖޭގެ ޙިއްޞާގެ ބާޒާރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ޗެއަރމަން އަލާއު ޢަލީ ވިދާޅުވީ، ޙިއްޞާގެ ބާޒާރުގެ މާރކެޓް ކެޕިޓަލައިޒޭޝަން މިހާރު ހުރީ 16.12 ބިލިއަން ރުފިޔާގައި ކަމަށެވެ. ޙިއްޞާގެ ބާޒާރު ފެށިގެންދިޔައިރު ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ޖުމްލަ އަގު ހުރީ 2.9 ބިލިއަން ރުފިޔާގައެވެ.

އަލާއު ވިދާޅުވީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް 10 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ޙަރަކާތްތައް 2008 ވަނަ އަހަރު ފެށިއިރު، ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވަނީ 4 ކުންފުންޏެވެ. މިއަދު ޙިއްޞާގެ ބާޒާރުގައި 9 ކުންފުންޏެއް ލިސްޓްކޮށްފައިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ އެންމެ ނަގާކިޔާ ކުންފުނިތައް ހިމެނޭކަމީ ފާހަގަކޮށްލަންޖެހޭ ކަމެއްކަން އަލާއު ވިދާޅުވިއެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ރޭ ވަނީ ޙިއްޞާގެ ބާޒާރުގެ އާ ވެބްސައިޓް ލޯންޗްކޮށްފައެވެ. މި ވެބްސައިޓް ލޯންޗްކޮށްދެއްވީ ގަވަރުނަރ އަޙްމަދު ނަޞީރެވެ.

img:http://s2.psmnews.mv/images/660x400/15198004738381.jpg|ރާއްޖޭގެ ޙިއްޞާގެ ބާޒާރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވަނީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޙިއްޞާގެ ބާޒާރު ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާދީފައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އުފައްދައި ޙިއްޞާގެ ބާޒާރުގައި ކުންފުނިތައް ލިސްޓްކޮށް ޙިއްޞާ ވިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2008 ވަނަ އަހަރުއެވެ.