ވިޔަފާރި

ޖެލީ އިން މާލޭގައި އާ ރެސްޓޯރަންޓެއް ހުޅުވައިފި


ޖެލީ އިން މާލޭގައި އާ ރެސްޓޯރަންޓެއް ހުޅުވައިފިއެވެ.

މާލޭގައި ފުޅާދާއިރާއެއްގައި ޕިއްޒާ ވިއްކާ މަޝްހޫރު "ޖެލީ" އިން "ދަ ޑޯ ބައި ޖެލީ" ގެ ނަމުގައި އަލަށް ހުޅުވި މި ރެސްޓޯރަންޓު ހުޅުވާފައިވަނީ ކުރީގެ ސްޓަރ ސިނަމާ ކުރިމަތިން މަޖީދީ މަގުގައެވެ.

ދެ ފަންގިފިލާ ހިމެނޭހެން ހަދާފައިވާ މިރެސްޓޯރަންޓް ހުޅުވާފައިވަނީ ހަބޭސް ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ހަރަކާތްތަކަކާއެކު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރެސްޓޯރަންޓު ހުޅުވައި ދިނީ މޯލްޑިވްސް ގޭސްގެ ޗެއަރމަން އަޙްމަދު ޝިފާނެވެ.

ޖެލީގެ އޯނަރ އާދަމް ފިރުޝާން ބުނީ، ޖެލީގެ އެހެން އައުޓްލެޓްތަކާ ޚިލާފަށް "ދަ ޑޯ ބައި ޖެލީ" ރެސްޓޯރަންޓުން އާންމުގޮތެއްގައި އެހެން ރެސްޓޯރަންޓްތަކުން ލިބެންހުންނަ ހުރިހާ ބާވަތެއްގެ ކާތަކެތި ލިބެން ހުންނާނެކަމަށެވެ. އަދި ޖެލީގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައިވެސް ރެސްޓްރަންޓެއް ހުޅުވުމަށް މިހާރު މަސައްކަތްކުރަމުންދާކަމަށް ފިރުޝާން ބުންޏެވެ.

މާލޭގެ އެކި ހިސާބުތަކުގައި ޖެލީގެ 4 އައުޓްލެޓް ހުރެއެވެ.