ޚަބަރު

އދގެ ގޮނޑި ކާމިޔާބު ވުމަކީ މުޅި ޤައުމަށް ލިބޭނެ ޝަރަފެއް


އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރަން ރާއްޖެއިން މަސައްކަތްކުރަނީ، ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަކީ ބައިނަލްއަޤްވާމީ މަސްރަހުގައި ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ޝަރަފަށްވާތީ އެޝަރަފު ދިވެހި ޤައުމަށް ހޯދައިދިނުމަށް ކަމަށް ރާއްޖެއިން އދ. ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޢަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިން "ދުނިޔޭގެ މަސްރަޙްގައި ދިވެހިރާއްޖެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަފީރު ޑރ. ޢަލީ ނަސީރު ވިދާޅުވީ އެންމެ ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކުންވެސް ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދުމަށް މަސައްކަތްކުރަނީ އެކަމުން ލިބޭ ޝަރަފު ހާސިލްކުރުމަށް ކަމަށާއި 2018 އިން 2019 އަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް ރާއްޖެއިން މަސައްކަތް ކުރަނީވެސް އެއީ އުސްގޮނޑިއަކަށް ވާތީކަމަށެވެ.

ޑރ. ޢަލީ ނަސީރު ވިދާޅުވީ، ދިވެހި ރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނު އިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުޑަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ނަމަވެސް މިވީ ފަންސާހަކަށް އަހަރުގެ ތެރޭގައި ރާއްޖެއިން އދ. ގައި މުހިންމު މަސައްކަތްތަކެއް ކޮށް ދިވެހިން ފަޚުރުވެރިވާނެ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. މިހާރު ދިވެހިރާއްޖެއަކީ އދ. އާއި ބައިނަލްއަޤްވާމީ މަސްރަހުގައި  ބަސްވިކޭ ޤައުމެއްކަން ޢަލީ ނަސީރު ފާހަގަކުރެއްވިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ބައިނަލްއަޤްވާމީ ގޮތުން ސުލްހަ މަސްލަސްކަން ޤާއިމް ކުރުމަށް ކުރެވޭ މަޝްވަރާތަކަކީ ކުދި ޤައުމުތަކުގެވެސް އަޑު އަހާ ކުދި ޤައުމުތަކުން އެއަށް ބަސްބުނެވޭނެ ގޮތެއްގެ މަތިން ކުރެވޭ މަޝްވަރާތަކަށް ވާންޖެހޭކަމަށް ރާއްޖެއިން ޤަބޫލު ކުރާކަމަށް ޢަލީ ނަސީރު ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބޮޑަށް ދިމާވާ މައްސަލަތަކަކީ ރާއްޖެއިން އެމައްސަލަތަކުގައި އިސްދައުރެއް އަދާކޮށް ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކޮށްފައިވާ ކަންތައްތަކެއްކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެކަންކަމުގައި ގިނަ ކާމިޔާބީތަކެއް ރާއްޖެއިން ހޯދިފައިވާ މައްސަލަތަކަކަށްވާތީ ރާއްޖެއިން އދ. ގެ ސަލާމަތީ މަޖީލީހުގެ ގޮނޑި ކާމިޔާބުވެއްޖެނަމަ މިކަންކަމުގައި ރާއްޖެއަށް އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުމަށް ހިތްވަރު ލިބިގެންދާނެކަން ޑރ. ޢަލީ ނަސީރު ފާހަގަކުރެއްވިއެވެ.