ވިޔަފާރި

ޕެންޝަން ފަންޑަށް މިދިޔަ އަހަރު 1.03 ބިލިއަން ރުފިޔާ ލިބުނު


ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަށް މިދިޔަ އަހަރު 1.03 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިއީ 2016 ވަނަ އަހަރު އެ ފަންޑަށް ލިބުނު އަދަދާ އަޅާބަލާއިރު، %8.4 އިތުރު އަދަދެކެވެ. 2016 ވަނަ އަހަރު މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަށް ލިބިފައިވަނީ، 937.2 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ރިޓަޔަރމަންޓް ޕެންޝަން ސްކީމް ފަންޑަށް އެންމެގިނައިން ފައިސާ ޖަމާކޮށްފައިވަނީ، ޕްރައިވެޓް ސެކްޓަރުންނެވެ. މިދިޔަ އަހަރު ޕްރައިވެޓް ސެކްޓަރުން ޕެންޝަން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 607.8 މިލިއަން ރުފިޔާއަށް އަރާއިރު، ޕަބްލިކް ސެކްޓަރުން ޖަމާކުރި ފައިސާގެ އަދަދު އުޅެނީ، 415.8 މިލިއަން ރުފިޔާގައެވެ.

މޯލްޑިވްސް ޕެންޝަން އޮފީހުން ގެންދަނީ، ރިޓަޔަމަންޓް ޕެންޝަން ސްކީމްގައިވާ ފައިސާއިން އިންވެސްޓްކޮށް ފަންޑުގެ ބައިވެރިންނަށް ފައިދާވެސް ހޯދައިދެމުންނެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، ވަޒީފާއިން މުސްކުޅި ކުރުމަށްފަހު ޕެންޝަން ލިބިދިނުމަށްޓަކައި ޤާއިމް ކޮށްފައިވާ ޑިފައިން ކޮންޓްރިބިއުޝަން ޕެންޝަން ސްކީމެކެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަށް ފައިސާ ޖަމާކުރަނީ މަދުވެގެން ކޮންމެ މަހަކުވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ %14 އެވެ. އެއީ ވަޒީފާ ދޭ ފަރާތުން ޖަމާކުރާ %7 އާއި މުއައްޒަފުގެ ފަރާތުން ޖަމާކުރާ %7 އެވެ.

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަކީ މިހާރު ރާއްޖޭގައި ޤާއިމްކޮށްފައިވާ އެންމެބޮޑު އިންވެސްޓްމަންޓް ފަންޑެވެ.