އެމްއެންޔޫގެ ދިރާސާ ކޮންފަރެންސް "ތެވެލި 2018" މިއަހަރުގެ އޯގަސްޓް މަހު ބޭއްވުމަށް ނިންމާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތެވެލި ކޮންފަރެންސްއަކީ ދިރާސާކުރުމުގެ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.
މިދިޔަ އަހަރުންފެށިގެން ކޮންމެ އަހަރަކު "ތެވެލި ކޮންފަރެންސް"ގެ ނަމުގައި ބާއްވަމުން އަންނަ މިކޮންފަރެންސްއަކީ ދިރާސާކުރުމަށް ދިވެހިން އަހުލުވެރިކުރުވުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. ދުނިޔޭގެ ތޫނުފިލި ސިކުނޑިތައް އެއްތަންކޮށް، އެ ސިކުނޑިތަކުގައިވާ އަގުނުކުރެވޭ ފަދަ މަޢުލޫމާތު މި ކޮންފަރެންސްގެ އެހީގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މިކޮންފަރެންސްގައި ރާއްޖޭގައި ދިރާސާކުރުމަށް ހުރި ދާއިރާތައް ދެނެގަނެ އެފަދަ ދާއިރާތަކުން ދިރަސާކޮށް ކަރުދާސް ހުށައެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މިއަހަރު ދިރާސާއަށް ހުޅުވާލާފައިވާ ޝިޢާރަކީ "ނިއު ހޮރައިޒަންސް އިން ހަޔަރ އެޑިއުކޭޝަން : ސެނެޖީސް އިނޮވޭޝަން އެންޑް ޑިވެލޮޕްމެންޓް" އެވެ.
އޮގަސްޓް މަހުގެ 12 އަދި 13 ދެދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތެވެލި ކޮންފަރެންސްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކަރުދާސް ހުށައެޅުމަށް ހުޅުވާލާފައިވާއިރު ކަރުދާސް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. އަދި ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ޖުލައި މަހުގެ 30ހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސްގައި ހުށައަޅާފައިވާ ހަތްދިހައަށް ވުރެ ގިނަ ކަރުދާހުގެ ތެރެއިން 12 ދިރާސާއެއް އަލުން މުރާޖާޢާކޮށް އެމްއެންޔޫގެ ޖަރނަލްގައި ޝާއިޢުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
"ރާއްޖޭގައި ހުރި އެކި ދާއިރާތަކާއި ގުޅިގެން އެދާއިރާތަކުގެ ބޭފުޅުންގެ އެހީތެރިކަމާއެކު ދިރާސާކުރުމަށް ހުރި ކަންކަން ދެނެގަތުމަށް ވަނީ ވަރކްޝޮޕްތަކެއް ބޭއްވިފައި. އަދި މިވަރކްޝޮޕްތަކުގެ އަލީގައި ވަނީ ބައެއްކަންކަން ހޯދިފައި. އެމްއެންޔޫގެ ދިރާސާތައް ކުރިއަށް ދާއިރު މިދައިރާތަކަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން ކުރިއަށްދާނީ."
މަތީ ތަޢުލީމުގެ ދާއިރާއަށް މިއަހަރުގެ ކޮންފަރެންސް ޚާއްޞަކޮށްފައި ވީނަމަވެސް ސިއްޙީ، އިޖްތިމާޢީ، ސައިންސް ތިމާވެށި އަދި މިނޫން ދާއިރަތަކުންވެސް ކަރުދާސް ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބުނެއެވެ. މިކޮންފަރެންސްގައި މުޢާމަލާތްކުރުމަށް ހަަމޖެހިފައިވަނީ ތިންބަހަކުންނެވެ. އެއީ ދިވެއްސާއި އިނގިރޭސިއާއި ޢަރަތްބެވެ. މިތިންބަހުން ކޮންފަރެންސްގައި މުޢާމަލާތްކުރުމުގެ ފުރުޞަތު އޮތުމާއެކު، މިދިޔަ އަހަރުވެސް ތެވެލި ކޮންފަރެންސަށް ބައިނަލްއަޤުވާމީ ގިނަ ޤައުމުތަކަކުން ޝަޢުގުވެރިކަން ފާޅުކޮކުރިކަމަށް އެމްއެންޔޫއިން ބުނެއެވެ. މިއަހަރުގެ ކޮންފަރެންސާ ދިމާކޮށް ކޮންފަރެންސަށް ބައިވެރިން ތައްޔާރުކުރުމުގެ ގޮތުން ބައެއް ވޯރކްޝޮޕްތައް ބޭއްވުމަށް ރާވާފައިވާކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕީއެޗްޑީ ހަދަމުންދާ ފަރާތްތަކަށް ޢަމާޒުކޮށްގެން ޚާއްޞަ ބައިތަކެއް ކުރިއަށްދާނެކަމަށް އެމްއެންޔޫއިން މަޢުލޫމާތުދެއެވެ.