ކުޅިވަރު

ނިއު ބަލިކުރެވޭނެ، މާދަމާ ނިކުންނާނީ އެކަން ކުރަން- މޯހަން


ނިއުރޭޑިއަންޓަކީ ބަލިނުކުރެވޭވަރުގެ ޓީމެއްނޫންކަމަށާއި، ތަފާތު ބޮޑު މޮޅު ކުޅުންތެރިން ތިބިނަމަވެސް އޭނާގެ އަމާޒަކީ ނިއު ބަލިކުރުން ކަމަށް އީގަލްސްގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. 

އެސްޓިއޯ މާލޭ ލީގުގައި މާދަމާ ހަވީރު ނިއުއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން މޯހަން ބުނީ އޭނާގެ ކުޅުންތެރިންނަށް ވިސްނައިދީފަ ވާނީ ނިއުރޭޑިއަންޓަކީ ބަލިކުރެވޭނެ ފެންވަރުގެ ޓީމެއްގެ ގޮތުގައިކަމަށެވެ. އޭނާގެ ކުޅުންތެރިންވެސް ތިބީ ފުރިހަމަ އިތުބާރާއެކީގައި ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ ނިއުރޭޑިއަންޓް ކަހަލަ ޓީމެއް ބަލިކުރެވޭނީ ޗެލެންޖު ނަގަން ކެރިގެންކަމަށާއި، އެގޮތުން މިފަހަރު އެޗެލެންޖާ ކުރިމަތިލަނީ ހުސްވި އަހަރު ދިވެހި ލީގުން ފެށިގެން ނިއުރޭޑިއަންޓް ބަލިވެފައި ނެތުމުން އެޓީމު ބަލިކުރަން އަމާޒަކަށް ހަދައިގެން ކަމަށެވެ. 

މޯހަން ބުނީ ނިއު ބަލިކުރުމުން ލިބޭނެ ހިތްހަމަޖުހަމާއި، އުފާ ތަފާތުވާނެކަމަށެވެ. އެއީ އޭނާގެ ނަޒަރުގައި މިވަގުތު ނިއު ރޭޑިއަންޓަކީ އެންމެ ވަރުގަދަ ޓީމުކަމަށާއި، އެޓީމް ބަލިކުރެވިއްޖެނަމަ އެހެން ޓީމެއްގެ އަތުން މޮޅުވުމުން ލިބޭ އުފަލަށް ވުރެ ހާއްސަ އުފަލެއް ލިބޭނެކަމަށެވެ. މޯހަން ބުނީ ނިއުރޭޑިއަންޓާ ވާދަކޮށް ކާމިޔާބު ހޯދަން ބޭނުންވަނީ ވަކިވަކި ކުޅުންތެރިންގެ މޮޅުކުޅުމުން ނޫންކަމަށާއި، ޓީމެއްގެ ގޮތުގައި މޮޅައް ކުޅެގެން ނޫންގޮތަކަށް ނިއުރޭޑިއަންޓް ބަލި ނުކުރެވޭނެކަމަށެވެ. އީގަލްސް އެންމެފަހުން ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނު ހިސާބުން ނިއެރޭޑިއަންޓް މެޗަށް ތައްޔާރުވާން މަސައްކަތް ފެށިކަމަށް މޯހަން ބުންޏެވެ.

" ހަޤީގަތުގައި ނިއުރޭޑިއަންޓުގައި ވަކިވަކި މޮޅު ކުޅުންތެރިން ތިއްބަސް އީގަލްސް ޖެހިލުމެއް ނުވޭ. ނިއުރޭޑިއަންޓަކީ ބަލިނުކުރެވޭ ވަރުގެ ޓީމެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމީދެއް އެއީ ނިއު ބަލިކުރުން." މޯހަން ބުންޏެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ ( ސަންޕަތު ) ބުނީ އީގްލަސްއަކީ އެއްގޮތަކަށްވެސް ލީގުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ދަށް ޓީމެއް ނޫންކަމަށާއި، އެޓީމުން މެޗަށް ނިކުންނަނީ އީގަލްސްއަކީ އާދައިގެ ޓީމެއްގެ ގޮތަށް ދެކިގެންނޫންކަމަށެވެ. ނިއުއިން މިސީޒަންގައި އެޓީމަށް ގެނައި  ބިދޭސީ ފޯވާޑް ސްޕެއިންގެ ގުއިލަމް މާރޓީއަށް އެންމެ ރަނގަޅަށް މެޗުތަކުގައި ނުކުޅުވޭތީ ނޫސްވެރިން ސުވާލުކުރުމުން ސަންޕަތު ބުނީ ކުޅުންތެރިޔާގެ މައްސަލަތަކެއް ކޯޗިންގ ސްޓާފުންނަށްވެސް ފާހަގަކުރެވިފައިވާކަމަށާއި، މެޗް ފިޓްނަސް މައްސަލަވެސް އެބަހުރިކަމަށެވެ. އެކުޅުންތެރިޔާގެ މިވަގުތުގެ ހާލަތު ބޮޑަށް އެނގޭނީ ޓީމުގެ ފިޒިއޯއަށް ކަމަށް ސަންޕަތު ބުންޏެވެ.

"އެއްގޮތަކަށްވެސް އީގަލްސްއަކީ ދަށް ޓީމެއްނޫން. ނިއުއިން ނުދެކެން އެއީ އާދައިގެ ޓީމެއް ކަމަށް. ހުރިހާ ޓީމެއްވެސް ހަމަހަމަކޮށް ފެންނަނީ ." ސަމްޕަތު ބުންޏެވެ.

މެޗާ ކުރިމަތިލާއިރު ނިއުއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން އީގަލްސް އޮތީ ހަތް ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. ނިއު ދެވަނާގައި އޮތީ ދެމެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކުއެވެ. 

ނިއު އީގްލަސް ވާދަކުރާ މެޗު ކުޅޭނީ މާދަމާ ހަވީރުއެވެ.