ތިމާވެށި

މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރާ މީހުން އިތުރުވާނެ- ރިޕޯޓް


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ސަތޭކަ މިލިއަނަށްވުރެ ގިނަ މީހުން އަމިއްލަ ޤައުމު ދޫކޮށް ހިޖުރަކުރަންޖެހިދާނެކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން ޢާއްމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން މުސޫމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެކުނު އޭޝިޔާ، ސަބްސަހާރަން އެފްރިކާ އަދި ލެޓިން އެމެރިކާ ސަރަޙައްދު ހިމެނޭ ގޮތަށް، 143 މިލިއަން މީހުން އެހެން ސަރަޙައްދުތަކަށް ހިޖުރަކުރަންޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްވުމުގެ ނަތީޖާއެއްކަމަށްވެސް މިރިޕޯޓްގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ހަނަފަސްކަމާއި ދަނޑުގޮވާންކުރުމުގެ ދަތިކަމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން މިހާ ގިނަ ބަޔަކު ހިޖުރަކުރަން މަޖުބޫރުވުމުގެ ބިރު ހީވެފައިވާއިރު، އެފަދަ ޙާލަތަކަށް ޤައުމުތަކުން ތައްޔާރުވެފައި ނެތުމުން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ.

2050 ވަނަ އަހަރާ ހަމައަށްދާއިރު މިމައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުހޯދިއްޖެނަމަ، މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާނޭކަމަށްވެސް ވޯލްޑް ބެންކުގެ ރިޕޯޓުގައިވެއެވެ.