ޚަބަރު

އަންނަ ހަފްތާއިން ފެށިގެން ސްކޫލްތަކުގައި ޕްލާސްޓިކް ބޭނުންކުރުން މަނާކުރަނީ


ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ބޭނުންކުރުން އަންނަ ހަފްތާއިން ފެށިގެން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަނީ ސްކޫލްތަކުގެ ދަރިވަރުންނަށް ކަނޑާ ފަރުތަކަށް ދައްކާލައި އެތަންތަނަށް ލޯބިޖެއްސުމަށް އެ މިނިސްޓްރީން ފަށާފައިވާ ފަރުކޮއި ޕްރޮގްރާމްގެ ދަށުންކަމަށެވެ.

ފަރުކޮއެ ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ދަރިވަރުންނަށް ރާއްޖޭގެ ރީތި ފަރުތަކާއި ކަނޑުތައް ދައްކާލާ އެތަންތަނަށް އަހުލުވެރިކުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުންނަށް ފަރުތައް ބަލާލުމުގެ ފުރުސަތުވަނީ ދީފައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގެ ޑައިވިން ސްކޫލްތައް ގުޅިގެން ކުރިޔަށް ގެންދާ ފަރުކޮއެ ޕްރޮގްރާމްގައި ފަރުތަކާއި ކަނޑުތަކަށް ފައިބާ އެތަންތަނުގެ ރީތިކަން ބަލާލުމަށް ފީނުމުގެ ފުރުސަތު ސްކޫލް ދަރިވަރުންނަށް ލިބެއެވެ. މީގެތެރޭގައި ސަރުކާރު ސްކޫލްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކުގެ ދަރިވަރުންވެސް ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އުފާ އޮފީހުގެ ފަރާތުން ވާހަކަދައްކަވަމުން ފާތިމަތު ހުލްވާ ޚަލީލު ވިދާޅުވީ ފަރުކޮއެ ޕްރޮގްރާމްގެ މައިގަޑު މަގުސަދަކީ ދިވެހި ދަރިވަރުންނަށް ރާއްޖޭގެ ފަރުތަކާއި ކަނޑުތައް ދައްކާލާ އެތަންތަނުގެ ނާޒުކުކަމާއި ތިމާވެއްޓަށް ކުދިން ހޭލުންތެރިކުރުވުންކަމަށެވެ.

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާއި ޕްލާސްޓިކުގެ ނުރައްކާތެރިކަމާއި އެ ފަދަ ތަކެއްޗާއި ކުދިން ދުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އުފާ އޮފީހުން ބުނެއެވެ. މި މަސައްކަތުގެ ދަށުން އަންނަ ހަފްތާއިން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގައި ޕްލާސްޓިކް ބޭނުންކުރުމަކީ މަނާކަމެއްކަމަށް ކަނޑައެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކް ތަކެތި އެއްވެސް ވަރަކަށް ސްކޫލްތަކަށް ނުގެންދެވޭނެކަމަށް އުފާ އޮފީހުގެ ފަރާތުން ވާހަކަދެއްކެވި ފާތިމަތު ސޯފިޔާ ރަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ކުދިން އިންޓަވަލަށް ގެންދާ ފެންއަޅާ ފުޅިތަކާއި ލަންޗް ބޮކްސް ފަދަ ތަކެތި މިހާރެކޭ އެއްގޮތަށް ގެންދެވޭނެކަމަށްވެސް ސޯފިޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަންނަ ހަފްތާއިން ފެށިގެން ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު ބައެއް ސްކޫލްތަކުން މިހާރުވެސް ވަނީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައެވެ. ޕްލާސްޓިކް ނައްތާލުމަށްފަށާފައިވާ ޕްރޮގްރާމްގެ ދަށުން ގޭގެގައި ބޭނުންކުރާ ޕްލާސްޓިކް ފުޅިފަދަ ތަކެތި ނަތްތާލުމަށް ކުދިން ހޭލުންތެރިކުރުވުމަށްވެސް މަސައްކަތްކެއް ފެށުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އުފާ އޮފީހުން ބުނެއެވެ