ޚަބަރު

ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ - މޫސުމާބެހޭ ޤައުމީ އިދާރާ


ރާއްޖެއަށް މިހާރު ކުރަމުން ދަނީ ދެ މޫސުން ބަދަލުވާއިރު ކުރާ ވިއްސާރަކަމަށާއި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސަރވިސުން ބުނީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ބަދަލުވާ މި މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހޭނީ މެދުތެރޭގެ ހިސާބުތަކަށްކަމަށާއި، އެހިސާބުތަކަށް ބޯކޮށް ވާރެ ވެހި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. ބައެއް ހިސާބުތަކަށް ވިއްސާރަކުރި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ވައިޖެހޭނީ އާއްމު ގޮތެއްގައި މަޑުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާ 10 މޭލާދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ.