ވިޔަފާރި

ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ދަށަށް ގޮސްފި


ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ދަށަށްގޮސްފައިވާކަމަށް މަސްވެރިން ބުނެފިއެވެ. މަސްވެރިން ބުނީ، މަސްވެރިކަން ދަށްވާން ދިމާވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ލަފާކުރެވޭކަމަށެވެ. މޫސުން ގޯސް ވުމުގެ ސަބަބުން ކަނޑުގެ އޮއިވަރު ބަދަލުވެފައިވާކަމަށް މަސްވެރިން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ ދޯނިފަހަރުން އެތައް ޓަނެއްގެ މަސް ބާނާފައިވެއެވެ. މީގެސަބަބުން މަސްކިރުމަށް ލަސްތަކެއް ކުރިމަތިވެ މަސް ގަތުމުގައި ދަތިތަކެއް ދިމާވިކަމަށް މިފްކޯއިން ބުނެއެވެ. ނަމަވެސް ކިޔޫގައި ތިބި ދޯނިފަހަރަށް ހިލޭ އައިސް ފޯރުކޮށްދީގެން ހުރިހާ ދޯނިފަހަރުގެ މަސް ކިރާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިހަފްތާގެ ކުރީކޮޅު ރިކޯޑު އަދަދަކަށް މިފްކޯއިން މަސްގަނެފައިއެވެ.

ފާއިތުވި ހަ މަސްދުވަހަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކަށް އެކުންފުންޏަށް ލިބިފައިވަނީ 150 ޓަނު މަސް ނަމަވެސް މި ހަފްތާގެ ކުރީކޮޅު ދުވާލަކު 600 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް މަސްގަނެފައިވާކަމަށް މިފްކޯއިން ބުނެއެވެ.

ދެކުނުގައި މަސްވެރިކަން ރަނގަޅުވުމުން އެސަރަހައްދުގައި މަސް ގަތުމުގެ ކެޕޭސިޓީ މިފްކޯއިން އިތުރުކުރިއެވެ. މިގޮތުން ރާއްޖޭގެ އިތުރުގައި ހަރަކާތްތެރިވި އެކުންފުނީގެ މަސްގަންނަ އެންމެ ބޮޑު ބޯޓު ދެކުނަށް ގެންގޮސް މަސްގަނެފައިވެއެވެ. މިފްކޯއިން ބުނީ އެކުންފުންޏަށް މަސް ނުކިރުވިގެން އެއްވެސް ދޯންޏެއްގެ މަސް އުކާލަން ޖެހިފައި ނޯންނާނެކަމަށެވެ.

މިހަފްތާގެ ކުރީކޮޅު ގިނަ ދޯނިފަހަރުން 10 ޓަނާއި 40 ޓަނާއި ދެމެދުގެ އަދަދަކަށް ކޮންމެ ދުވަހަކު މަސް ބާނާފައިވެއެވެ. އެންމެ ގިނައިން މަސްބޭނި ސަރަހައްދުގެ ގޮތުގައި މަސްވެރިން ބުނީ ގދ ފިޔޯރީއާ ދިމާ 50 މޭލު ބޭރުންނެވެ. އެސަރަހައްދުން ބާނާފައިވަނީ ރަސް އައިންތަކުން ގޮދާކަމަށް މަސްވެރިން ބުނެއެވެ.