ކުޅިވަރު

ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިއު ނިކުންނާނީ ފައިނަލަކަށް


މިސަރަހައްދުގެ އެންމެ ވަރުގަދަ ދެ ޓީމް އޭއެފްސީ ކަޕާ ކުރިމަތިލާއިރު، ބެންގަލޫރު މެޗަކީ ނިއުއަށް ފައިނަލް މެޗެއްކަމަށް ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކުލަބްގެ ކޯޗު އޮސްކާ ބުރޫޒަން ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި މާދަމާ ހަވީރު އިންޑިޔާގެ ބެންގަލޫރު އެފްސީއާ ވާދަކުރާ މެޗާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުނީ ބެންގަލޫރު މެޗަކީ މިސީޒަންގައި ނިއު ކުރިމަތިލާ އެންމެ އުނދަގޫ އެއް މެޗުކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ކުރިއަށް ދާން ބޭނުންވާނަމަ، ބެންގަލޫރުގެ މައްޗަށް ކުރިހޯދަންޖެހޭކަމަށް ކޯޗު ބުންޏެވެ. މިދެ ޓީމް ބެންގަލޫރުގައި ކުޅުނު މެޗު އެކެއް ސުމަކުން ބެންގަލޫރު ކާމިޔާބުކުރީ މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ލަނޑު ޖަހައިގެންނެވެ. އޮސްކާ ބުނީ ބެންގަލޫރުގައި ކުޅުނު މެޗުން ނިއު ބަލިވިނަމަވެސް، އެމެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ނިއުއިންކަމަށާއި، އަވޭ މެޗުގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް، އަމިއްލަ ދަނޑުގައި ބެންގަލޫރު ބަލިކުރެވިދާނެކަމަށެވެ.
ނިއުގެ ފަހަތަށް ކުޅެމުން އަންނަ ބިދޭސީ ޑިފެންޑަރ ޖޯޖްއަށް ކާޑު ހަމަވުމުގެ ސަބުބުން މާދަމާގެ މެޗުގައި ނުކުޅެވޭނެއެވެ. އެކަމަށް އިޝާރާތްކޮށް ނިއުގެ ކޯޗް އޮސްކާ ބުނީ ޖޯޖް ނުލާ ނިއުއިން ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި ޖޯޖް ނުލާވެސް ނިއުއަށް ބަންގަލޫރު ބަލިކުރެވިދާނެކަމަށެވެ.

ރާއްޖޭގެ އެއްވެސް ޓީމަކަށް މިހާތަނަށް އިންޑިޔާގެ ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ހޯދިފައިނުވާއިރު، މިއީ ބެންގަލޫރު އެފްސީ ރާއްޖޭގެ ރަސްމީ ދަނޑުގައި ރާއްޖޭގެ ޓީމްތަކާ ދެކޮޅަށް ކުޅޭ 6 ވަނަ މެޗެވެ.
ނިއުގެ ޑިފެންޑަރ އަކްރަމް އަބްދުލް ޣަނީ ބުނީ ނިއުއިން ބޭނުންވަނީ ތާރީޚު ބަދަލުކޮށް، ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ހޯދަންކަމަށެވެ. އަދި އަވޭ މެޗްގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް ބެންގަލޫރު އެފްސީއަށް ފުރުސަތެއް ނުދީ، އެޓީމްގެ ކޮންމެ ކުޅުންތެރިންއަކަށްވެސް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އަކްރަމް ބުންޏެވެ.

މެޗުން މޮޅުނުވެވިއްޖެ ނަމަ ދެވަނަ ބުރުގެ ފުރުޞަތު ނިއުރޭޑިއަންޓަށް ވަރަށް ބޮޑަށް ހަނިވާނެއެވެ. އެއީ މިވަގުތު ނިއުއަށްވުރެ އިތުރަށް ތިން ޕޮއިންޓް ހޯދައިގެން ބެންގަލޫރު އެފްސީ ކުރީގައި އޮތުމުންނެވެ.

މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗު ޓީވީ އެމްއާއި ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާ ގޮތް ދިވެހި ރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.