ޚަބަރު

ވަޒީރުންގެ ހެލްތް އިންޝުއަރެންސް ސްކީމްގެ އަދަދު ބޮޑުކުރުމަށް މަޖިލީހުން ފާސްކޮށްފި


ދައުލަތުގެ ވަޒީރުންނާއި ވަޒީރުންގެ އާއިލާގެ ބައެއް މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ކޮންމެ އަހަރަކު ވެސް ޚަރަދު ކުރާ އަދަދު، ނަވާރަ ހާހުން ސައުވީސް ހާހަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި މިގޮތަށް ފާސްކުރީ ވަޒީރުންނާއި، ވަޒީރުންގެ އަނބިން ނުވަތަ ފިރިކަލުންނާއި 18 އަހަރު ނުފުރޭ ކުދިންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ދޭ އަދަދު މުރާޖައާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާއިގުޅިގެންނެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ މާލިއްޔާތު ކޮމިޓީން ދިރާސާ ކުރުމަށްފަހު ނިންމި ނިންމުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންގެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ކުރިން ދެމުންދާ ޕެކޭޖަށް 19000 ރުފިޔާ ޚަރަދު ކުރަމުން އައީ އޭރު އެލައިޑު އިންޝުއަރެންސުން އެޚިދުމަތް ދެމުންއައި އުސޫލުގެ އަގުހެޔޮވުމުގެ ސަބަބުން ކަމަށާއި، ނަވަމެސް އެ އަގުގައި ޕެކޭޖްގެ ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް މާލިޔަތު ކޮމެޓީއަށް ފާހަގަކުރެވިފައިވާކަމަށް ކޮމެޓީގެ ރިޕޯޓްގައިވަނީ ހިމަނާފައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭ އުސޫލުން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުގެ މެމްބަރުންނާއި އެމެންބަރުންގެ އަންބިމީހާ ނުވަތަ ފިރިމީހާ އާއި 18 އަހަރު ނުފުރޭ ކުދިންނަށްވެސް ހެލްތު ހެލްތް އިންޝުއަރެންސް ދިނުމަށް ކޮމެޓީން ނިންމުގޮތަށް ފާސްކޮށްފައެވެ.

މިއަދު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ބައިވެރިވެފައެއް ނުވެއެވެ.