އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ މެމްބަރެއްގެ ގޮތުގައި ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާ ކަނޑައަޅައިފިއެވެ.
ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާ އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅައި ނެރުނު ބަޔާނެއްގައި، އެ ފައުންޑޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މަރޓިން ޕާރވްސް ވަނީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ އަމިއްލަ ޖަމްޢިއްޔާއަކުން ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެޖަމްޢިއްޔާއަށް ތައުރީފްކޮށްފައެވެ.
ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއިން މި ހޯދި ކާމިޔާބީއާ ބެހޭގޮތުން ވާހަކަދައްކަމުން، އެ ޖަމްޢިއްޔާގެ ފައުންޑަރ މެމްބަރ އަޙްމަދު ޝަފީއު ބުނީ އެ ޖަމްޢިއްޔާ އުފެދުނު ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބައިނަލްއަޤްވާމި މިފަދަ ބޮޑު ފައުންޑޭޝަންއެއްގެ މެމްބަރަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއްކަމަށެވެ. އަދި މި ކަމުގެ ސަބަބުން ދޮށީގެ މަސްވެރިކަން ރާއްޖޭގައި އާލާކުރުމަށް ކުރާ މަސައްކަތް ބައިނަލްއަޤްވާމީ މުޖުތަމައިން ބަލައިގަންނަކަން ހާމަވާކަމަށެވެ. ޝާފިއު ބުނީ މިލިބުނު ރަނުގެ ފުރުޞަތުގެ ފުރިހަމަ ބޭނުންހިފާ ރާއްޖޭގެ ދޮށީގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރާނެކަމަށެވެ.
އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން "އައި.ޕީ.އެން.އެލް.އެފް" އަކީ ދުނިޔޭގެ ދޮށީގެ މަސްވެރިކަމާގުޅޭ ބައިނަލްއަޤުވާމީ އެންމެ ބޮޑު އެއް ފައުންޑޭޝަނެވެ. އަދި މި ފައުންޑޭޝަނަކީ ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާ ގުޅިގެން މަސްވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރިއަރުވާ އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރާ ތިމާވެއްޓާއި ރައްޓެހި ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ފައުންޑޭޝަނެކެވެ.
ދޮށީގެ މަސްވެރިކަން ޕްރަމޯޓްކުރުމަށް އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން ގެންދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކި ފޯރަމްތައްވެސް ބާއްވަމުންނެވެ. މިގޮތުން މިދިޔަ އަހަރު މި ޖަމްއިއްޔާއިން ޕޯޗްގަލްއާއި ބްރެޒިލްގައި ބޭއްވި އެކި ފޯރަމްތަކުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.
ގެމަނަފުށީ މަސްވެރިންގެ ޖަމްޢިއްޔާއަކީ އެރަށުގެ ޒުވާން މަސްވެރިއަކު ދިވެހި މަސްވެރިކަން ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ފޭސްބުކު ޕޭޖެއް ހަދައިގެން ފެށި މަސައްކަތެކެވެ. ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މި ވޭތުވެދިޔަ ދުވަސްތަކުގައި އެ ޖަމްޢިއްޔާއިން ކުރި މަސައްކަތުން މިއަދު ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުންވެސް މިވަނީ މި ޖަމްޢިއްޔާ ބަލައިގެންފައެވެ.
ގެމަނަފުށީ މަސްވެރިން މަދަނީ ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައެވެ. މި ޖަމްއިއްޔާގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމެވެ. މި އަމާޒަށް ވާސިލްވުމަށް އެޖަމްއިއްޔާއިން ގެންދަނީ އެކިއެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.