ޚަބަރު

އަގުހުރި އިނާމުތަކަކާއެކު ދިރާގުން ރަމަޟާން ޕްރޮމޯޝަންތައް ފަށައިފި


އަގުހުރި އިނާމުތަކަކާއެކު ދިރާގު ރަމަޟާން ޕްރޮމޯޝަންތައް ފަށައިފިއެވެ.
ރަމަޟާންމަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ދިރާގުގެ ކަސްޓަމަރުންނަށް ގިނަ ޕްރޮމޯޝަން ތަކެއް ކުރިއަށް ގެންދެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ދިރާގުގެ ޕްރޮމޮޝަންތަކަށް ބަލާއިރު، ޕޯސްޓް ޕެއިޑާއި ޕްރިޕެއިޑް ކަސްޓަމަރުންނަށް "ރޯދަ ޕެކް" ގެ ނަމުގައި 2 ބާވަތެއްގެ ޑާޓާ ބަންޑަލްއެއް ވަނީ ތަޢާރަފްކޮށްފައެވެ. 1.5 ޖީ.ބީ އާއި 4 ޖީބީގެ މޯބައިލް ޑާޓާ މި ޕްރޮމޯޝަން ގެ ސަބަބުން ހެޔޮ އަގެއްގައި ލިބިގެންދާނެއެވެ. އަދި މީގެ ކޮންމެ ޕެކަކުންލިބޭ ފައިސާގެ 10 ޕަސެންޓު ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަށް ޞަދަޤާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ކޮންސިއުމަރ މަރކެޓިންގ މެނޭޖަރު ޖަނާ އިބްރާހީމް ވިދާޅުވީ ރަމަޟާން މަހު ދިވެހިން މޯބައިލް ޑާޓާ ބޭނުންކުރާ މިންވަރު އިތުރުކަމަށާ، އެހެންކަމުން ޕްރޮމޯޝަނުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށް ހެޔޮ ފައިދާތަކެއް ކުރާނެކަމަށެވެ.

ޑާޓާ ބަންޑަލް ތަކުގެ އިތުރުން މި ރަމަޟާން މަހުވެސް ދިރާގު ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 2 މީހަކަށް ޢުމްރާދަތުރު ލިބޭ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކުވެސް ގުރުއަތުލެވޭނެ ކަމަށާ ދިރާގުގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން އަލަށް ދިރާގާއިގުޅޭ ކަސްޓަމަރުންވެސް މި ޕްރޮމޯޝަނުގައި ވަގުތުން ބައިވެރިކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިން އިންސްޓަގްރާމާއި ޓްވިޓަރގައިވެސް ދިރާގު ގެ ޚާއްޞަ ޕްރޮމޯޝަން ތަކެއް ވަނީ ފަށާފައެވެ. ދިރާގުގެ އެޑްވާރޓައިސިންގް އެންޑް އިވެންޓސްގެ އެސިސްޓެންޓް މެނޭޖަރު ހަސަން ޝާރިހް ވިދާޅުވީ ހޭޝް، ރޯދަމޮމެންޓްސް ހޭޝްޓެގް ބޭނުންކޮށް ރޯދަމަހުގެ ޚާއްސަ ވަގުތުތަކުގެ ފޮޓޯ ޝެއަރކޮށްގެން ކޮންމެ ހަފްތާއަކު ގޯ ޕްރޯ 6 ، ހޯދުމުގެ ފުރުސަތު ހުޅުވާލެވިފާވާއިރު، ޓްވިޓަރ ގެ ފޮޓޯ ގެސް ކުރުމުގެ މުބާރަތުގެ ނަސީބުވެރިންނަށް ކޮންމެ ހަފްތާއަކު ސީހައުސް އިން 5 މީހުން ގެ ރޯދަވީއްލުމެއް ލިބިގެންދާނެކަމަށެވެ. އަދި މޮބައިލް ފޯނު މެދުވެރިކޮށް ޒަކާތްދެއްކުމުގައިވެސް ލުއި ފަސޭހަގޮތްތަކެއް ދިރާގު ކަސްޓަމަރުންނަށް ވަނީ ހަމަޖެހފައިކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

އެހެން އަހަރު ތަކެކޭ އެއްފަދައިން "ދިވެހިން ގެ ރަހަ" މި ނަމުގައި ދިރާގުން ދިވެހި ކެއުން ތައްޔާރުކުރާގޮތް ދައްކުވައިދޭ ޕްރޮގްރާމެއް ހަފްތާއަކު 2 ފަހަރު ދެއްކުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރު ގެ ރަމަޟާން މަހުގައި އުމްރާއަށް ދިޔަ ދިވެހިންނަށް ގުޅުމަށްޓަކައި ދިރާގުން މި ރަމަޟާން މަހުވަނީ 1 ރުފިޔާ 88 ލާރިއަށް ސައޫދީ އަރަބިއްޔާއަށް ގުޅެގޮތް ހަމަޖައްސާފައެވެ. އަދި ނަމަދު ވަގުތުތަކުގެ އެލާރޓް ހިލޭ ހޯދުމުގެ ފުރުޞަތުވެސް ދިރާގު ކަސްޓަމަރުންނަށްވަނީ ހުޅުވާލާފައެވެ.