ޚަބަރު

ކަނޑޫމާ ރިޒޯޓުން 600000 ވުރެ ގިނަ ރުފިޔާގެ އެހީއެއް ގުރައިދޫ މަރުކަރަށް


މާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ބައެއް ވަސީލަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ހޮލިޑޭއިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްއިން ހަސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާގެ އެހީއެއް އެމަރުކަޒަށް ހަދިޔާކޮށްފިއެވެ.

މާލެއަތޮޅު ގުރައިދޫގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކަންކަން އެންމެ ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން ނާބްރައީސް ޢަބްދުﷲ ޖިހާދުގެ އިސްނެންގެވުމުގެ މަތީން ކަނޑޫމާ ރިޒޯޓުން މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މިދިޔަ ފެބްރުއަރީމަހުން ފެށިގެން ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މައިގަނޑު 3 ކަމެއް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މަރުކަޒުގައި ހިމެނޭ ބައެއް ޢިމާރާތްތަކުގައި ބޭނުންކުރާ ވަސީލަތްތައް އަޕްގްރޭޑް ކުރުމާއި، ޒަމާނީ ފެންވަރުގެ ލޯންޑްރީއެއް ޤާއިމްކުރުމުގެ އިތުރުން ބައެއް ޢިމާރާތްތަކުގެ ވެންޓިލޭޝަން ނިޒާމް ރަނގަޅުކުރުން ހިމެނެއެވެ.

މިއެހީ ރަމްޒީކޮށް ހަވާލުކުރުމަށް ގުރައިދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ކަނޑޫމާ ރިސޯޓްގެ ޖެނެރަލް މެނޭޖަރ ޖޯސެޕް ޑެލާ ގެޓާ ބުނީ މިއެހީގެ ދަށުން ގުރައިދޫ މަރުކަޒުގައި ޤާއިމްކުރާ ވަޞީލަތްތަކާއި ސާމާނު މިހާރު ގެނެސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން މަހެއްހައި ދުވަހުގެ ތެރޭގައި އެތަކެތި އިންސޯޓްކޮށް ނިންމައިދޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކުރިއާ ޚިލާފަށް ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސް ޚިދުމަތް ފުރިހަމަގޮތުގައި ދެމުންއަންނަކަށެވެ. އަދި ވިޔަފާރިތަކުން މިފަދަ މަރުކަޒުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން އެތަނުން ޚިދުމަތްދޭ މީހުންގެ ދިރިއުޅުމަށް އިތުރު ހެޔޮ ބަދަލްތަކެއް އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޮލިޑޭއިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް އަކީ އެރިސޯޓުގެ އިޖްތިމާޢީ ޒިންމާގެ ދަށުން މާލެއަތޮޅުގެ ބައެއް ރަށްރަށަށް ތަފާތުއެހީތަށް ވަމުން އަންނަ ރިސޯޓެކެވެ. މީގެ ތެރެއިންވެސް ގުރައިދޫއަށާއި، އެރަށުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އެރިސޯޓުން ގާތް ގުޅުމެއް ބާއްވައެވެ.