ކުޅިވަރު

މިހާލަތަށް ދިއުމުގައި މުޅި ޓީމް އެއްވަރަކަށް ޒިންމާ ނަގަންޖެހޭ: ޞޮބާ


ކޮންމެ ހާލަތެއްގައި ވެސް ދެން އޭނާގެ އަމާޒަކީ ކުލަބް ވެލެންސިޔާ ފުރަތަމަ ޑިވިޝަންގައި ބޭއްވުން ކޯޗު ސޮބާހު މުހަންމަދު ބުނެފިއެވެ.

އެސްޓިއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓާ ވާދަކޮށް ބަލިވި މެޗަށްފަހު ސޮބާ ބުނީ ވެލެންސިޔާއަށް ރެލިގޭޝަން ކުޅުމަކީ އާކަމެއް ނޫންކަމަށާއި، ވެލެންސިޔާއަކީ ފަހަކަށްއައިސް ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރާ ޓީމެއްކަމަށެވެ. ސޮބާ ބުނީ މިހާ ބޮޑަށް ސީޒަންގައި ނަތީޖާ ދަށްވުމުގައި ވަކި މީހަކު ޒިންމާ ނަގަން ނުޖެހޭނެކަމަށާއި، ނަތީޖާތައް ދަށްވުމުގައި މުޅި ޓީމު އެއްވަރަށް ޒިންމާ ނަގަންޖެހޭކަމަށެވެ.
އޭނާ ބުނީ މުޅި ލީގުގައިވެސް ފެނިގެންދިޔައީ އެވްރެޖް ކުޅުމެއް ކަމަށާއި، ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއް ފެންވަރެއްގައި މެޗު ނިމެންދެން ހިފަހައްޓާ ނުލުވުންކަމަށެވެ. ސޮބާ ބުނީ އޭނާގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ ވެލެންސިޔާގެ ސީޒަން ސަލާމަތް ކުރުން ކަމަށާއި، އެކަމައްޓަކައި ވަރަށް މަސައްކަތް ކުރާނެކަމަށެވެ. އޭނާ ބުނީ ކުލަބް ވެލެންސިޔާއާ އޭނާ ހަވާލުވީވެސް ހާލަތު އެނގިހުރެކަމަށާއި، ޓީމަށް ގެނައި ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާހުރެ ގިނަ ޕްރެކްޓިސްތަކުގައި ބައިވެރި ނުވެވުނުކަމަށެވެ. ވެލެންސިޔާ މިހާލަތަށް ދިޔައީ ކޮންމެހެން އޭނާ ޓީމާ ހަވާލުވުމުން ނޫންކަމަށާއި، އޭނާ ކުލަބަށް އައީ ރިސްކު ނަގައިގެން ވެލެންސިޔާއަށް ކާމިޔާބު ހޯދައިދޭންކަމަށް ކުރީގެ ޤައުމީ ޑިފެންޑަރު ބުންޏެވެ.

" ކޮންމެ ގޮތެއްވިޔަސް މިވަގުތުގެ ހާލަތަށް ބަލާފަ އަޅުގަނޑުމެންނަށް އެންމެ މުހިންމީ ރެލިގޭޝަނުން ސަލާމަތްވުން، ދެން ޓްރާންސްފަ ވެސް އޯޕަން ވަނީ، ދެން އެހެންވީމާ އަޅުގަނޑު ހުރިހާ ގޮތަކުން ވެސް ބަލާނީ ވެލެންސިޔާ ފުރަތަމަ ޑިވިޝަންގައި ބޭއްވޭތޯ." ޞޮބާ ބުންޏެވެ.

މި ސީޒަންގައި އަދި ވެލެންސިޔާ އެއްވެސް މެޗަކުން މޮޅުވެފަ ނުވާއިރު، ލީގު ތާވަލުގެ ފުލަށް ދިއުމުން އެޓީމަށް ޖެހިފައި ވަނީ ރެލިގޭޝަން ޕްލޭއޯފް ކުޅޭށެވެ.