ޚަބަރު

ހުކުރުދުވަސް ޢީދު ދުވަހަށް ވިޔަސް ހުކުރު ކުރަންޖެހޭނެ - އިސްލާމިކް މިނިސްޓަރ


ހުކުރު ދުވަހަކީ ޢީދު ދުވަހަށްވެއްޖަނަމަ ހުކުރު ނަމާދުކުރަންނުޖެހޭކަމަށް މިހާތަނަށް އެއްވެސް ދީނީ ޢިލްމުވެރިއަކު ފަތުވާދެއްވާފައި ނުވާކަމަށާ، މިޙާލަތުގައި ހުކުރުނަމާދު ކުރަން ނުޖެހޭނެކަމަށް ބުނާބުނުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޢީދު ނަމާދު ކުރުމަށްފަހު ހުކުރު ނަމާދު ކުރަން ނުޖެހޭކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތާކާ ގުޅިގެން ޢާންމުންނަށް އޮޅުއަރައި އެކަމުގެ ލަފައަކަށް އިސްލާމިކް މިނިސްޓްރީގައި އެދެމެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވިދާޅުވީ މިފަދަ ކަންކަމުގައި ޢާންމުނަށް އޮޅޭގޮތަށް ވާހަކަތައް ފެތުރުމުން ޝަރުޢީ ހުކުމްތައް ދެނެގަންނަން ޢާންމުންނަށް ދަތިވެގެންދާކަމަށެވެ.

މިއީ ކަންބޮޑުވާން ޖެހޭކަމެއްކަން ފާހގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ހުކުރު ދުވަސް އީދު ދުވަހަށް ވެއްޖެނަމަ ހުކުރު ނަމާދު ކުރުމުމާގުޅޭގޮތުން މީގެ ޒަމާންތަކެއް ކުރީން ޝަރުޢީ އިލްމުގެ އެންމެ ފުންނާބުއުސް އިލްމުވެރިން، ބަހުސްކޮށް މިކަމުގައި ޙުކުމްތަކެއް ނެރެފައިވާކަމަށެވެ. މިމައްސަލައިގައި އިލްމުވެރިންގެ މެދުގައި މާބޮޑު ޚިޔާލުތަފާތުވުމެއް ނެތްކަމަށާއި، ޙަނަފީ މަޒްހަބާއި، މާލިކީ މަޒްހަބާއި ޝާފިޢީ މަޒްހަބްގައިވެސް އީދު ދުވަސް ހުކުރުދުވަހަށް ވެއްޖެނަމަ ހުކުރު ނަމާދަކީ ވާޖިބެއްކަމަށްވުމުން ހުކުރު ނަމާދު ކުރުމަށް ބާރުއަޅާފައިވާކަން އެމަޒްހަބްތަކުގެ ދީނީ ފޮތްތަށް ރިޢާޔަތްކުރައްވައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ހަމްބަލީ މޒްހަބުގައި މިކަން އޮންނަނީ އިޚްތިޔާރީކަމެއްގެ ގޮތުގައިނަމަވެސް، އެންމެ ރަނގަޅު އަދި އެންމެ އައުލާކަން ބޮޑީ ހުކުރަށް ދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމީ ބޮޑެތި ޤައުމުތަކުގެ ފަތުވާދޭ މަޖިލިސްތަކުންވެސް ޢީދު ނަމާދަކީ ސުންނަތަކަށްވުމުން ވާޖިބެއްގެ ގޮތުގައި ކުރަންޖެހޭ ހުކުރުނަމާދު އަޅަން ނުޖެހޭކަމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގައި އާންމުންނަށް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

"މީގެ އަހަރުތަކެއްކުރިން މިކަން ވަނީ ރާއްޖޭގައި ހިންގާފައި. އެދުވަހު އެއީ ހުކުރު ދުވަހެއް. ބައެއް ބޭފުޅުން އެގޮތަށް ފަތުވާދިނުމުގެ ނަތީޖާއަކަށްވީ، އީދުނަމާދަށްފަހު ބައެއް ބޭފުޅުން މެންދުރު ނަމާދުވެސް ނުކުރޭ. މިއީ ދުވަހަކުވެސް އެއްވެސް އިލްމުވެރިއަކު ފަތުވާދެއްވި ގޮތެއްނޫން. ހުކުރު ދުވަހަކީ އީދަށްވެފައި، އީދު ނަމާދުކުރުމަށްފަހު، ހުކުރެއްވެސް ކުރާކަށް ނުޖެހޭނޭ، މެންދުރު ނަމާދެއްވެސް ކުރަން ނުޖެހޭނޭ. މިއީ ދުވަހަކުވެސް އިލްމުވެރިއަކު ފަތުވާދެއްވި ގޮތެއްނޫން. އަދި މިއީ އިސްލާމީ ޝަރީޢަތާއި ޚިލާފުކަމެއް."

ޑރ.ޒިޔާދު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް އައްޝައިޚް އިބްރާހީމް އަހްމަދު ވިދާޅުވީ، ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ހަދީސްފުޅުތަކާއި، ހުރިހާ މަޒްހަބުތަކުގެ ޢިލްމުވެރިންގެ ބަހަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ، ހުކުރު ދުވަސް ޢީދު ދުވަހަށް ވެއްޖެނަމަ ޢީދު ނަމާދުވެސް އަދި ހުކުރުނަމާދުވެސް ކުރުންކަމަށެވެ.

ދީނީ މިފަދަ ކަންކަމުގައި ޢިލްމުވެރިންވެސް އަދި އެކިއެކި ޖަމާޢަތްތަކުންވެސް ރައްޔިތުންނަށް އޮޅޭގޮތަށް އަދި މުޖުތަމަޢުގައި ޚިޔާލުތަފާތުވުން އުފެދޭގޮތަށް ކަންކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.