ކުޅިވަރު

އިނގިރޭސި ނޫސްވެރިން ފުރަތަމަ 11 ލީކުކޮށްލައިފި!


ޕެނަމާއާ ދެކޮޅަށް މިރޭ ކުޅޭ އިނގިރޭސި ޤައުމީ ޓީމުގެ ފުރަތަމަ 11 އެޤައުމުގެ ނޫސްވެރިން ލީކު ކޮށްލުމުން ކޯޗު ގެރެތް ސައުތް ގޭޓް ރުޅިއަތުވެއްޖެއެވެ.
އޭނާ ބުނީ އިނގިރޭސި ނޫސްވެރިންނަކީ ޓީމުގެ ސަޕޯޓަރުން ކަމަށް މިހާރު ޤަބޫލު ނުކުރާ ކަމަށެވެ.

"އަހަރެން ޤަބޫލު ނުކުރަން މީޑިއާ އަކީ އަހަރުމެންގެ ސަޕޯޓަރުން ކަމަށް. އެކަމަކު އަހަރެން ޤަބޫލުކުރަން ނޫސްވެރިން ޚަބަރު ފަތުރަން ޖެހޭނެ ކަމަށް. އެކަމަކު އެއީ މިގޮތަކަށްނޫން. އެމީހުން އެކަން ކުރަންވާނީ ޤައުމަށް ވެސް ފައިދާހުރި ގޮތަކަށް. ލިބޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭންވާނީ އޭގެއިން ނުކުންނާނެ ނަތީޖާއަށް ވެސް ބަލާފައި،" ކޯޗު ބުންޏެވެ.

އިނގިރޭސި ނޫސްވެރިން ފުރަތަމަ 11 ދަމައިގަތީ އެސިސްޓެންޓް ކޯޗު ސްޓީވް ހޮލެންޑް އަތުގައި ހުރި ކަރުދާސްތައް ބަލައިގެންނެވެ. ޕްރެކްޓިހުގައި އޭނާ ގެންގުޅުނު ފައިލުގައިވާ ގޮތުން މި މެޗުގެ ފުރަތަމަ 11ގައި ރަހީމް ސްޓާލިން ނުކުޅޭނެއެވެ. އޭގެ ބަދަލުގައި ކުޅޭނީ މާކަސް ރަޝްފޯޑެވެ. އަދި ލޮފްޓަސް ޗީކް ވެސް ކުޅޭނެއެވެ. އެއީ އަނިޔާވެފައިވާ ޑެލޭ އަލީގެ ބަދަލުގަ އެވެ.
ކޯޗު ގެރެތް ސައުތްގޭޓް ފަހުން ބުނީ ނޫސްވެރިން ލީކުކޮށްލި 11 އަކީ މިރޭގެ މެޗުގައި ކުޅޭނެ 11 ން ޔަޤީނެއްނޫން ކަމަށެވެ.

"އެކަރުދާހުގައި ވަނީ ދުވަން ޖެހޭ ކުޅުންތެރިންނާއި އެނޫން ކުޅުންތެރިން. އެއީ ފުރަތަމަ 11 އެއްނޫން. އެކަމަކު މިގޮތަށް ކަންތައް ކުރުމުން މެޗަށް ތައްޔާރުވާން ހުރަސް އެޅޭ،" ފުރަތަމަ މެޗުގައި ޓިއުނީޝިޔާ އަތުން މޮޅުވި ޓީމުގެ ކޯޗު ބުންޏެވެ.

މި މެޗަށް ނިކުންނައިރު ޕެނަމާ ވަނީ ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން 3-0 ން ބަލިވެފައެވެ. މިހެންވެ އިނގިރޭސިން އަތުން ބަލިވެއްޖެނަމަ އެ ޤައުމު މުބާރާތުން ކަޓާނެއެވެ. މެޗު ކާމިޔާބުކޮށްފިނަމަ އިނގިރޭސިން ދެ ވަނަ ބުރަށް ދާނެއެވެ.