ކުޅިވަރު

ބޫޓާންވެސް ބަލިކޮށް، ރާއްޖެ މެޑައްޔަކާ ދިމާއަށް!


ސާބާ ޗެމްޕިއަންޝިޕްގައި ބޫޓާންވެސް ބަލިކޮށް، މެޑައްޔަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހައިފިއެވެ.

މުބާރާތް ކާމިޔާބުކުރަން އަމާޒުކޮށްގެން، އެމެރިކާގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް ދެވަނަ މެޗު މިއަދު ކާމިޔާބުކުރީ 74-67 ޕޮއިންޓުންނެވެ. ފުރަތަމަ މެޗު ނޭޕާލާ ވާދަކޮށް ކާމިޔާބުކުރުމަށްފަހު މިއަދު ބޫޓާން އަތުން މޮޅުވުމުން ރާއްޖެ ދެން ކުޅެންޖެހޭ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި ނަމަވެސް މެޑަލް ކަށަވަރުވާނެއެވެ.
މިއަދު މެޗުގެ ފުރަތަމަ ކްއާޓާ ނިމުނުއިރު ބޫޓާން ކުރީގައި އޮތީ 20-19 ނެވެ. ދެވަނަ ކްއާޓާގައި ރާއްޖެއިން ވަނީ 24 ޕޮއިންޓް ހޯދާފައެވެ. ބޫޓާނަށް ހޯދުނީ 17 ޕޮއިންޓެވެ. ތިންވަނަ ކްއާޓާގައި ރާއްޖެއިން 19 ޕޮއިންޓް ހޯދިއެވެ. މިކްއާޓާގައި ބޫޓާނުން 14 ޕޮއިންޓް ހޯދިއެވެ. ހަތަރުވަނަ ކްއާޓާގައި ރާއްޖެއިން 12 ޕޮއިންޓް ހޯދި އިރު، ބޫޓާނުން 15 ޕޮއިންޓް ހޯދިއެވެ.

މެޗަށްފަހު ޤައުމީ ޓިމުގެ ކޯޗު ޖޯން ކޮފީނޯ ބުނީ މިއަދުގެ މެޗަށް ނިކުތީ ބޫޓާނަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށާއި، އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިން އަނިޔާގައި ތިބެގެންވެސް ދެއްކީ މޮޅު ކުޅުމެއްކަމަށެވެ.
ކޯޗު ބުނީ ލަންކާ ޓީމްވެސް މިހާތަނަށް ދައްކާފައިވަނީ ވަރުގަދަ ކުޅުމެއްކަމަށާއި، މާދަމާ ލަންކާއާ ވާދަކުރަން ނިކުންނާނީ ރަނގަޅު ރެސްޓެއް ނެގުމަށްފަހު ކަމަށެވެ.

" ބޫޓާން ޓީމަކީ ގުޅިގެން ރަނގަޅަށް ކުޅޭ ވަރުގަދަ ޓީމެއް. އަޅުގަނޑުމެންގެ ޓީމުގެ ބައެއް ކުޅުންތެރިނަށް އަނިޔާވެ، ބައެއް ކުޅުންތެރިން ހުންވެސް އައިސްގެން ތިއްބާ ރަނގަޅަށް ކުޅެ މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ކޯޗް ކޮފީނޯ ބުންޏެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މާދަމާ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ވާދަކުރަން ޖެހޭނީ ބަނގްލަދޭޝްއާއެވެ. މުބާރާތް ކުރިއަށްދަނީ ބަނގްލަދޭޝްގައެވެ.